ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކުރި ފްލެޓްތައް ހަވާލުކުރާއިރު ހަދަނީ ކުލީގެ އެއްބަަސްވުމަކަށް ވާތީ، އެ ފްލެޓްތަކަށް ރަށްވެހިންގެ ރަޖިސްޓްރީ ނުހެދޭނެ ކަމަަށް މާލޭ ސިޓީ ކައުންސިލުން ބުނެފައި ވިޔަސް އެ ފްލެޓްތަކަށް ރަށްވެހިންގެ ރަޖިސްޓްރީ ހަދަން ގާނޫނީ ހުރަހެއް ނެތް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެފްޑީސީގެ ފްލެޓްތަކަށް ރަށްވެެހިންގެ ރަޖިސްޓްރީ ނުހެދޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނާ ބުނުމަކީ އެއްވެސް އުސޫލެއްގެ މައްޗަށް ބިނާވާ ވާހަކައެއް ނޫން ކަމަށެވެ.

އެ ފްލެޓްތަކަށް ހެދި އެއްބަސްވުމުގެ ހަމަ އެކަނި ތަފާތަކީ "ސޭލް އެންޑް ޕާޗޭޒް އެގްރިމެންޓް" ގެ ބަދަލުގައި "ރެންޓް ޓު އޯން" މޮޑެލް ކިއުން ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.

"ހަމަ ދެތަން ވެސް ރަޖިސްޓްރީ ހަދައި މި ދެނީ ފައިސާ ދައްކާ ނިމުނީމާ. ސޭލް އެންޑް ޕާޗޭޒް އެގްރިމެންޓެއްގެ ދަށުން ވެސް ދޭ ތަން ރަޖިސްޓްރީ ހަދައި ނުދޭނެ އެ ތަނަށް ފައިސާ ދައްކައި ނުނިމެނީހެއް. އެހެންވީމާ މާލޭ ސިޓީ ކައުންސިލުން ރައްޔިތުންނަށް އުނދަގޫ ކުރުމަށް ޓަކައި ކުރާ ކަމެއް އެއީ،" މުައްތަލިބު ވިދާޅުވި އެވެ. 

"އެއީ ކީ އެއްވެސް ހާލެއްގައެއް ސަރުކާރުން ކަނޑައަޅާފައިވާ ޕޮލިސީއެއްގެ ދަށުން، ސަރުކާރުން ހަދާފައި އޮތް އުސޫލެއްގެ ދަށުން ނުކުރެވޭނެ ކަމެއް ނޫން."

ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެޅި ފްލެޓް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެޅި ފްލެޓް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އަމިއްލަ ރިއަލް އެސްޓޭޓް ކުންފުންޏަކުން އިމާރާތްކުރާ އެޕާޓްމަންޓެއް ވެސް ބޭންކުން ލޯނެއް ނަގައިގެން ގަންނަ ނަމަ ލޯނު ނުދެއްކިއްޖިއްޔާ އެ ތަން ވިއްކާލާނެ ކަމަށާއި އެކަމަށް ރިއާޔަތްކޮށް އެފަދަ ތަންތަނަށް ވެސް ރަށްވެހިންގެ ރަޖިސްޓްރީ ހަދައިނުދޭންވީނުންތޯ އޭނާ މިނިސްޓަރު މުއްތަލިބު ސުވާލު އުފެއްދެވި އެވެ. 

"އެހެންވީމާ ގާނޫނީ އެއްވެސް ހުއްޖަތެއް އޮތް ކަމެއް ނޫނޭ، ސިޓީ ކައުންސިލުން ސަރުކާރަށް އުނދަގޫ ކުރުމަށް ޓަކައި، ރައްޔިތުންނާ ސަރުކާރާ ޖެއްސުމަށް ޓަކައި ކޮށްފައި އޮތް ކަމެއް، އަޅުގަނޑުމެން އޮންނާނީ އެފްޑީސީ އަށް ލިޔުމަކުން އަންގާފައި އެކަން ކޮށްދޭން، ސިޓީ ކައުންސިލަށް އަންގާފައި އޮންނާނީ އެކަން ކޮށްދޭން" މިނިސްޓަރު ވިދާޅުވި އެވެ.

އެ ފްލެޓްތަކަށް ރަށްވެހިންގެ ރަޖިސްޓްރީ ހަދައިދިނުމަކީ ސިޓީ ކައުންސިލުން ކުރީމާ ކުރެވޭނެ ކަމެއް ކަމަށާއި އެ ބާރު އޮތީ އެ ކައުންސިލަށް ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.