މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު އެއްވަރުވި ދާއިރާތަކަށް މެމްބަރުން ހޮވަން ދެ ވަނަ ބުރުގެ ވޯޓުލުން މިއަދު ފަށައިފި އެވެ. 

އިލެކްޝަންސް ކޮމިޝަން (އީސީ)އިން ކުރިން ބުނެފައިވާ ގޮތުގައި އެއްވަރު ވެގެން ދެވަނަ ބުރެއް ބާއްވަން ޖެހުނީ ފަސް ދާއިރާއެއްގަ އެވެ. އެ ދާއިރާތަކުގައި ވޯޓުލުން ކުރިއަށް އެބަދާ ކަމަށް އީސީން ބުންޏެވެ. 

ދެވަނަ ބުރު ބާއްވާ ދާއިރާތައް: 

  • ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި - އެ ދާއިރާއަށް ވާދަކުރާނީ ޕީއެންސީގެ ކެންޑިޑޭޓު އާއިޝަތު މުނާ އާއި އެމްޑީޕީގެ ކެންޑިޑޭޓު އާމިނަތު ރަފާހް.
  • ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރު (އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި) - އެ އިންތިހާބުގައި ވާދަކުރާނީ ޕީއެންސީގެ އާއިޝަތު އަބްދުލްގާދިރާއި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓު ޝީޒާ އިބްރާހީމް.
  • ހއ. ކެލާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ކަމަށް ވާދަކުރާނީ އެމްޑީޕީގެ މަހުދިއްޔާ އާދަމާއި ޕީއެންސީގެ ހައްވާ ފަޒުނާ. 
  • ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ވާދަކުރާނީ ޕީއެންސީގެ ފާތިމަތު ރިއުޒާ އާއި އަމިއްލަ ގޮތުން ވާދަކުރާ ފާތިމަތު ނިޝާދާ. 
  • ލ. މާވަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު - އެ ދާއިރާއިން ވާދަކުރާނީ ޕީއެންސީގެ ފާތިމަތު ޝާފިޔާ އާއި އެމްޑީޕީގެ މަރްޔަމް މާއިޝާ.

އީސީން ކުރިން ބުނެފައި އޮތީ އެ އިންތިހާބުގެ ވޯޓުލުން ބާއްވާނީީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން 4:00 އަށް ކަމަށެވެ. އަދި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާނީ އާދިއްތަ ދުވަހު އެވެ. 

އެ ކޮމިޝަނުން އޭރު ބުނި ގޮތުގައި ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގެ ގޮތުގައި ބަލާނީ މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި އިންތިހާބުގެ ފައިނަލް ލިސްޓުގައިވާ މީހުންނާއި 18 އަހަރު ފުރުމުން ލިސްޓަށް އަލަށް އިތުރުވާ މީހުން އެކަނި ކަމަށެވެ.