އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި އެއްވުމުން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ބަންދުން ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެއްވުމުގައި ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައި 30 އަހަރުގެ ފިރިހެނަކާއި 49 އަހަރުގެ ފިރިހެނެއް ހައްޔަރުކުރި ކަމަށެވެ. އެއީ ޒުވާނުންގެ ގޮފީގެ ކުރީގެ ނައިބު ރައީސް މައިމޫން އަދި ނައިފަރު ދާއިރާގެ ރައީސް އަބްދުالله ރަޝީދު (ވާވާ) އެވެ.
އޭގެ ތެރެއިން ބަންދުން ދޫކޮށްލީ ވާވާ އެވެ.
ސަރުކާރަށް 12 ކަމެއްގައި ޑިމާންޑުތަކެއް ކޮށް، އެމްޑީޕީން ސިލްސިލާ މުޒާހަރާއަށް ނުކުންނަން ފެށީ މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެންނެވެ. އޭގެ ތެރެއިން މާލޭގެ އެކި ހިސާބުތަކުގައި އެއްވުންތައް ބާއްވަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފް ވެސް މަގުމައްޗަށް ނުކުމެ ސިލްސިލާ އެއްވުންތައް ބާއްވަމުން ދާއިރު އެ ޕާޓީން ވަނީ ރޭ އެމްޑީޕީގެ އެއްވުމާ އެއްވެ އެކުގައި އަޑު އުފުލައިފަ އެވެ.