އިދިކޮޅު އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް، އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އައްޔަންކުރަން އެމްޑީޕީގެ ގައުމީ މަޖިލިހުން މިރޭ ފާސްކޮށްފި އެވެ.
ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް ޝިފާޒު އައްޔަންކުރަން ފާސްކުރީ މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 34 މެންބަރުންގެ ތެރެއިން 30 މެންބަރުންގެ ވޯޓާ އެކު އެވެ.
އެމްޑީޕީގައި ގިނަ ދުވަސްތަކެއް ވަންދެން އިސް ދައުރެއް އަދާކުރެއްވި ޝިފާޒު އެ ޕާޓީ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާ އެކު ޕާޓީން ވަކިވެވަޑައިގަތީ 2023 ވަނަ އަހަރު އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތުމަށެވެ.
އެ ޕާޓީގައި ނައިބް ރައީސްކަން ކުރެއްވުމަށް ފަހު، މިދިޔަ އަހަރު އޭނާ ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު މިހާރު ފުރުއްވަމުން ގެންދަވަނީ އެ ޕާޓީ އުފެއްދުމުގައި އިސްދައުރެއް އަދާކުރެއްވި ނަޝީދެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕަސަންގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އަހުމަދު އަބްދުﷲ މިދިޔަ ބުދަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.
އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވާފައިވާތީ ޝާހިދުގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.