އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކާ އެކު، ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގައި ދައުވާ އުފުލި މީހަކުގެ މައްޗަށް ކުށް ސާބިތުވެ 16 އަހަރަށް ޖަލަށްލާން ކޯޓުން ހުކުމްކޮށްފި އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި އެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ މ. މުނިޔާގެ، މުހައްމަދު އަނިލްގެ މައްޗަށެެވެ. އުމުރުން 47 އަހަރުގެ އެ މީހާގެ މައްޗަށް ދައުވާކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.
އަނިލްގެ މައްޗަށް ހުކުމްކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެ ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ 16 އަހަރަށް ޖަލަށްލުމަށް ކަނޑައަޅައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާގެ ދަށުން އެ ދައުވާއާ ގުޅިގެން ބަންދުގައި ހުރި ހަތަރު މަހާއި 19 ދުވަސް ހުކުމުގެ މުއްދަތުން އުނިކޮށްފައިވެ އެވެ. އެެހެންވެ، އަނިލް ތަންފީޒު ކުރަންޖެހޭ އަދަބަކީ 15 އަހަރާއި ހަތް މަހާއި 11 ދުވަހުގެ ޖަލު އަދަބެކެވެ.
ފުލުހުން ބުނީ އެއީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހުއްޓުވައި އެފަދަ މައްސަލަތައް ތަހުގީގުކޮށް، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ކާމިޔާބީއެއް ކަމަށެވެ.
ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމާއި ކުޑަކުދިންނަށް ޖިންސީގޯނާކޮށް އިހުމާލުވާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް އެފަދަ ކުށްތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަސްޖެހުމެއްނެތި ކުރާނެ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.