އުމުރުން އެންމެ ތިން އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި މައްސަލައެއްގައި ބައްޕައަކު ހައްޔަރުކޮށްފައިވާއިރު އެ މައްސަލާގައި ކުއްޖާގެ މަންމަގެ ބައިވެރިވުން އޮތްތޯ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި ތިން އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް އެ މަންޒަރުތައް ރިކޯޑުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އުމުރުން 28 އަހަރުގެ ފިރިހެނަކު ވަނީ މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފަ އެވެ.
ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ހަމަ އެ ދުވަހު ކޯޓަށް ހާޒިރުކުރުމުން ބަންދަށް 30 ދުވަހުގެ މުއްދަތެއް ވެސް ކޯޓުން ދީފައިވެ އެވެ.
ކުއްޖާގެ ބައްޕަގެ އިތުރުން މަންމަ ވެސް އެކަމުގައި ބައިވެރިވާ ކަމަށް ބައެއް މީހުން ދަނީ ތުހުމަތުކުރަމުންނެވެ.
އެ މައްސަލާގައި "މިހާރު" އިން ސުވާލުކުރުމުން ފުލުހުން ބުނީ ކުއްޖާގެ މަންމައާ ގުޅޭގޮތުން ކުރެވޭ ތުހުމަތުތަކާ ގުޅިގެން، އެކަމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް އޮތްތޯ އާއި ބައިވެރިވުން އޮތީ ކިހާ މިންވަރަކަށްތޯ ތަހުގީގުގެ ތެރެއިން ބަލަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފެމިލީ އެންޑް ވެލްފެއާ ހިމެނޭހެން ކަމާބެހޭ އިދާރާތަކާ ގުޅިގެން ހާލަތު ބަލަމުން އަންނަ ކަމަށެވެ. އަދި ކުއްޖާގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނާތީ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.