ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީގައި 727 މީހަކު ވޯޓުލާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ. 

ޕީއެންސީގެ ޕްރައިމަރީ އަށް ހުޅުވައިލުމުގެ މުއްދަތު މިދިޔަ އާދިއްތަ ދުވަހު ހަމަވިއިރު، އެ ޕާޓީން ކުރިމަތިލެއްވީ ރައްޔިތުންގެ މަޖިލިހުގެ އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާނާއި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ.

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ބާއްވަން ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. 

ޕީއެންސީން ބުނި ގޮތުގައި ޕްރައިމަރީގައި ވޯޓުލުމަށް ފޮށި ބަހައްޓާނީ ހިތަދޫ އުތުރު ދާއިރާގަ އާއި މާލޭގަ އެވެ.

ޕީއެންސީން ނިންމާފައިވާ ގޮތުން މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހިތަދު އަށް ވޯޓުލާން ރަޖިސްޓަރީ ކުރި މީހުންނަށް އެ ޕާޓީގެ ޕްރައިމަރީގައި ވޯޓުލެވޭނީ ހިތަދޫގައި ބަހައްޓާ ވޯޓުފޮށިތަކަށެވެ. އަދި މާލެ އާއި އެހެނިހެން ރަށްރަށުގައި ވޯޓުލާން ލޯކަލް އިންތިހާބުގައި ރަޖިސްޓަރީކުރި މީހުންނަށް ޕްރައިމަރީގައި ވޯޓުލެވޭނީ މާލޭގައި ބަހައްޓާ ފޮށިތަކަށް ކަމަށް ޕީއެންސީން ބުންޏެވެ.  

އެ ފޮށިތަކަށް ވޯޓު ލާނީ ޖުމްލަ 727 މީހުންނެވެ.

ޕީއެންސީން ޕްރައިމަރީ ބާއްވަން ނިންމާފައި ވާއިރު އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވާތީ އެ ޓިކެޓު، އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް ވަނީ ލިބިފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އޭރުގެ އެ ދާއިރާގެ މެމްބަރު ސިނާން އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޫބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް ސިނާން ފައިސާ ނުދެއްކެވި މައްސަލައިގަ އެވެ. ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މި މަހުގެ 12 ވަނަ ދުވަހު އެވެ. 

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު އެވެ. ބައި އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގަ އެވެ.