ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ފަށާފައިވަ ކަމަށް ބުނެ ފެތުރި ވާހަކަތަކަކީ ދޮގެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ނާޒިމްގެ ތަހުގީގެއް ކުރިއަށް ގެންދާ ކަމަށް މައުލޫމާތު ދީފައިވާ ނަމަ އެ "މައުލޫމާތު ދޭ ފަރާތް [މައުލޫމާތު ހޯދާ މަސްދަރު] ބަދަލުކުރަންޖެހޭ" ކަމަށާއި އެއީ ދޮގު މައުލޫމާތު ދޭ ފަރާތެއް ކަމަށެވެ.
"ރަނގަޅު މައުލޫމާތު ހޯދަން ޖެހޭނީ ތިޔަ ބޭފުޅުން. އެއީ [ނާޒިމްގެ ތަހުގީގެއް ކުރިއަށް ގެންދާ ކަމަށް ދައްކާ ވާހަކައަކީ] ހަމަ އެއްވެސް ހަގީގަތެއް އޮތް މައުލޫމާތެއް ނޫން، އެއްވެސް ތަހުގީގެއް ނުހިނގާ،" އިހުސާން ވިދާޅުވި އެވެ.
މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމާ ބެހޭ ގޮތުން ގިނަ ވާހަކަތަކެއް މީޑިއާ އަށް އައީ ރައްޔިތުންގެ މަޖިލީހުގައި އޭނާ ކުރިން މަސައްކަތް ކުރެއްވި މުހިންމު ދެ ކޮމިޓީއަކުން ކުއްލި ގޮަތަކަށް ވަކިކުރި ދުވަހު އެވެ.
ކޮމިޓީތަކުން އޭނާ ވަކިކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.
އެގޮތުން ފެތުރުނު އެއް ވާހަކައަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރުމުގެ މަސައްކަތް ފެށި ކަމަށް ބުނާ ވާހަކަ އެވެ. ސަރުކާރާ ދެކޮޅަށް މަސައްކަތްތަކެއް ކުރި ކަމުގެ ތުހުމަތުގައި އޭނާގެ ތަހުގީގެއް ފަށާފައިވާ ކަމަށް ވެސް އޭގެ ފަހުން އަޑުފެތުރުނެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވަނީ އެކަން ދޮގުކުރައްވައިފި އެެވެ.
ނާޒިމް މަގާމުން ވަކިކުރަން ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕް ތެރޭގައި މަސައްކަތް ފަށާފައިވާ ކަމަށް ފެތުރިފައިވާ އަޑުތަކާ ގުޅިގެން "މިހާރު" އިން ސުވާލު ކުރުމުން ފަލާހު ކުރިން ވިދާޅުވީ، އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި އެފަދަ ސަބަބެއް މެދުވެރި ވެސް ނުވާ ކަމަށެވެ.
"އެ ފަތުރަނީ މާސިންގާ ދޮގެއް. ހަގީގަތާ ހިލާފު ވާހަކަތަކެއް،" ފަލާހު ވިދާޅުވެފައިވެ އެވެެ.
އޭނާ އެހެން ވިދާޅުވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން "ދުރަށް ވަޑައިގަތުމަށް" ދެންނެވެން އޮތް ގޮތަކަށް ދެންނެވުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށް ބެލެވޭ ކަމަށް އެހެން މެމްބަރަކު ވިދާޅުވި އެވެ.
"އެކަމަކު ނާޒިމް މަގާމުން ވަކިކުރަން ސޮއި ހޯދުމުގެ މަސައްކަތެއް އަދި ނުހިނގާ. އެ ދިމާލަށް ނުސީދާކޮށް މިސްރާބު އެ ޖަހަނީ،" ނަން ނުޖަހަން ޝަރުތުކޮށް "މިހާރު" އާ ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވި އެވެ.
ވެރިކަން ކުރާ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ވެސް އޮންނަ ޕީއެންސީގައި އެންމެ ނުފޫޒު ގަދަ އެއް މެންބަރުގެ ހައިސިއްޔަތުން މަޖިލީހުގެ އެންމެ ބާރު ގަދަ ދެ ކޮމިޓީގައި ނާޒިމް ކުރިން އިންނެވި އެވެ. އެކަމަކު، އެ ދެ ކޮމިޓީން އޭނާ ވަކިކޮށް، މިހާރު ވަނީ މަޖިލީހުގެ އެންވަޔަރްމެންޓް ކޮމިޓީ އަށް ބަދަލުކޮށްފަ އެވެ.
ނާޒިމް ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީންނެވެ.
މީގެ ތެރެއިން ސަލާމަތީ ބާރުތަކާ ގުޅޭ ކަންތައްތަކާއި ގައުމީ ސަލާމަތާ ގުޅުން ހުރި ކަންކަން ބަލާ ކޮމިޓީއަކީ ރައްޔިތުންގެ މަޖިލީހަށާއި ސަރުކާރަަށް ލަފާދިނުމާއި އެންގުންތައް އެންގުމުގެ ބާރު އޮންނަ ކޮމިޓީ އެކެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ތެރެއިން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމަ އެކަނި ކޮމިޓީއަކީ ވެސް އެއީ އެވެ.
މާލިއްޔަތު ކޮމިޓީއަކީ ދައުލަތުގެ މާލިއްޔަތާ ގުޅޭ ހުރިހާ ކަމެއް ބަލައި، ދޭންޖެހޭ ލަފާތައް ދިނުމާއި އެންގުންތައް އެންގުމުގެ ބާރު އޮންނަ ކޮމިޓީ އެކެވެ.
ރައްޔިތުންގެ މަޖިލިހުގައި އެންމެ ބާރުގަދަ ދެ ކޮމިޓީން ނާޒިމް ވަކިކުރުމާ އެކު "މިހާރު" އިން ސުވާލު ކުރުމުން އޭނާ އޭރު ވިދާޅުވި ގޮތުގައި އެ ދެ ކޮމިޓީއަށް ވެސް އޭނާގެ ބަދަލުގައި އެހެން މެންބަރުން އައްޔަންކުރަން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމީ މަސައްކަތް މިހާރު ހުރި ގޮތުން، ދެ ކޮމިޓީ އަށް ވަގުތު ނުދެއްވޭތީ އެގޮތަށް އެއްބަސްވެވަޑައިގަތުމުންނެވެ.
"ކޮމަންވެލްތު ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުމެއް ރާއްޖެ އިން ހޮސްޓް ކޮށްގެން ބާއްވަން އެބައޮތް ކުރިއަށް އޮތް ހަފުތާގައި. އެ ބައްދަލުވުމުގައި ވެސް އިސްކޮށް އުޅެން ޖެހެނީ އަޅުގަނޑު. އަނެއްކާ އަންނަ މަހުގެ ކުރީކޮޅުން ފެށިގެން އަޅުގަނޑު ރާއްޖެ އިން ބޭރުގައި އަމިއްލަ ކަމެއްގައި ވެސް އުޅެން ޖެހޭ،" ނާޒިމް ވިދާޅުވެފައި ވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އޭނާ ވަކިކުރީ އެ ސަބަބުތަކާ ހެދި އެވެ.
މަޖިލީހުގެ ކޮމިޓީތަކުގެ ތެރެއިން ނާޒިމް މިހާރު ހިމެނިވަޑައިގަންނަވަނީ ހަމަ އެކަނި ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އާއި އެންވަޔަރުމެންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީގަ އެވެ.