ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ކިލޯއަކަށްވުރެ ގިނަ ޑްރަގް އިއްޔެ އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ 1.1 ކިލޯގެ އެމްފެޓަމިން އަތުލައިގަތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އެ ތަކެތީގެ މަގުމަތީގެ އަގު 3.3 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ކަސްޓަމްސުން ބުންޏެވެ.

އެ މައްސަލާގައި މީހަކު ހައްޔަރު ކުރިކަމެއް ނުވަތަ ނޫން ކަމެއް މިހާތަނަށް ސާފެއް ނުވެ އެވެ.

ކަސްޓަމްސްއިން ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓުން ފެންނަ ގޮތުގައި ޑްރަގް އެތެރެކުރީ ފޮއްޓަކަށް އަޅައިގެންނެވެ. އަދި އެ ތަކެތި ހުރީ ނޫކުލައިގެ ކޮތަޅެއްގައި ބަންދުކޮށްފަ އެވެ.

އެ މައްސަލަ ތަހުގީގުކުރަމުން ދާތީ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ. 

ރާއްޖެއަށް ވަކި އަދަދަކަށް ވުރެ އިތުރަށް މަސްތުވާތަކެތި އެތެރެ ކުރުމަކީ މިހާރު މަރުގެ އަދަބު ކަނޑައެޅޭ ކުށެކެވެ. އަދި އެ އަދަދު ހަމަނުވާނަމަ އެއީ އުމުރަށް ޖަލަށްލެވޭ ކުށެކެވެ.