ފުޅާ ދާއިރާއެއްގައި ޑްރަގްގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ގއ. ވިލިނގިލިން ހައްޔަރުކުރި މީހުންގެ މައްޗަށް ބޮޑެތި ގިނަ ދައުވާތައް ނުކުރަން ނިންމައި، އެ މީހުން ބަންދުން ދޫކޮށްލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންގައިފި އެވެ.

އޮޕަރޭޝަން "އަލިމަގު" ގެ ނަމުގައި މާލެ އާއި ގއ. އަތޮޅުގައި މިދިޔަ ޖެނުއަރީ 11 ވަނަ ދުވަހު ގައި ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި ޑްރަގާ ގުޅުންހުރި 10 ތަނެއް ބަަލައިފާސްކޮށް ހަތަރު މީހަކު ހައްޔަރުކުރި އެވެ.

އެ އޮޕަރޭޝަންގައި ހައްޔަރުކުރީ މުޅިން ވެސް ގއ. ވިލިނގިލީގެ މީހުންނެވެ. އެއީ:

  1. ގއ. ވިލިނގިލި، ޝެވޯނާ، ޝައްފާހު ލަތީފު، 28
  2. ގއ. ވިލިނގިލި، މިޔުޒިކީގެ، އަހުމަދު މަދީހް، 33
  3. ގއ. ވިލިނގިލި، އައިޒަން، އަހުމަދު އަނާމް އިބްރާހިމް، 30
  4. ގއ. ވިލިނގިލި، އަރާއިރުގެ، ނޫރުއްނިޒާމް، 35

އެ މައްސަލައިގެ ތަހުގީގު ނިންމައި، އެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މި މަހުގެ 9 ވަނަ ދުވަހު ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ. އެއީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށް އަދި މަނީލޯންޑަރިންގެ ކުށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ ދައުވާތައް ސާބިތުކޮށްދެވޭނެ އެކަށީގެންވާ ހެއްކާއި ގަރީނާ ނެތުމުން އެ ދައުވާތައް ނުކުރެވޭނެ ކަމަށް ނިންމާފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު ބަންދުން ދޫކޮށްލަން ވެސް އެ އޮފީހުން ވަނީ އަންގައިފަ އެވެ. 

އެ މައްސަލާގައި މި ވަގުތަށް ދައުވާ ނުކުރިޔަސް، ތަހުގީގު ހުއްޓާނުލައި ކުރިއަށް ގެންގޮސް އަދި ލިބޭ ކުރިއެރުންތައް ޕީޖީ އޮފީހާ ހިއްސާކުރަން ވަނީ އަންގައިފަ އެވެ. 

ބޮޑެތި ދައުވާތައް ނުކުރިއަސް މަދީހުއާ އަނާމް އަދި ޝައްފާހުގެ މައްޗަށް ވަނީ ކެނެބިސް ބޭނުން ކުރުމުގެ ދައުވާކޮށް ޑްރަގް ކޯޓަށް މިއަދު ހުށަހަޅައިފަ އެވެ. އެކަމަކު، ނޫރުއްނިޒާމްގެ މައްޗަށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާތީ އޭނާގެ ބައި ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. 

އެ މައްސަލައާ ގުޅިގެން ފުލުހުން ކުރިން ނެރުނު ބަޔާނުގައި ފުލުހުން ބުނީ އެ މީހުންގެ އެކައުންޓުތަކުގައި 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކުރި ކަމަށެވެ. އަދި އެ އެންމެންނަކީ ވެސް ޑްރަގްގެ ވިޔަފާރި ކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ ބައެއް ކަމަށް އޭރު ފުލުހުން ބުންޏެވެ.

އެ ނެޓްވޯކުގައި އިސްކޮށް ހަރަކާތްތެރިވާ މީހުންނަށް އަމާޒުކޮށް، ހާއްސަ ތަހުގީގެއް ފެށީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އަދި އެ ތަހުގީގުން އެނގުނީ، 2015 ވަނަ އަހަރުން ފެށިގެން އެ ނެޓްވޯކުން ޑްރަގް ޓްރެފިކްކުރާ ކަން ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން މިދިޔަ ފަސް އަހަރުގެ ތެރޭގައި އެ ނެޓްވޯކް މެމްބަރުންގެ ބޭންކު އެކައުންޓުތަކުގައި 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި ހަތަރު ލައްކައަށް ވުރެ ގިނަ ޑޮލަރު ދައުރު ކޮށްފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ފުލުހުން އޭރު ނެރުނު ބަޔާނުގައި ބުންޏެވެ.

ހަޔްޔަރުކުރި ހަތަރު މީހުންގެ ތެރެއިން މަދީހުގެ ބޭންކު އެކައުންޓުތަކުގައި 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް، އެ މުއްދަތުގެ ތެރޭގައި އޭނާގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 430،000ރ. ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މީގެ އިތުރުން އަނާމްގެ ބޭންކު އެކައުންޓުތަކުގައި 38 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފައިވިއަސް އެ މުއްދަތުގެ ތެރޭގައި އޭނާގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 271،000ރ. ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.

ޝައްފާހުގެ ބޭންކު އެކައުންޓުތަކުގައި 6.9 މިލިއަން ރުފިޔާ ދައުރު ކޮށްފައިވާއިރު އޭނަގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވީ 371،000ރ. ކަމަށް ވެސް ފުލުހުން ބުންޏެވެ.