ތަރައްގީގެ މަޝްރޫއުތައް އެކަށީގެންވާ ސްޕީޑުގައި ކުރިއަށް ނުގެންދެވި މިދިޔަ ދެ އަހަރު ވީއިރު ވެސް މި ސަރުކާރަށް އޮތީ އެމްޑީޕީގެ ސަރުކާރުން ނެގިހާ ލޯނުތައް އަނބުރާ ދެއްކުން ކަމަށާއި މި މަހު އެކަނި ވެސް 925 މިލިއަން ޑޮލަރު ދަރަނީގެ ގޮތުގައި ދައްކާފައިވާ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ރޭ ވިދާޅުވެއްޖެ އެވެ. 

މި މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީގެ އިންތިހާބުގައި ހއ. ފިއްލަދޫގެ ހުރިހާ ގޮނޑިއެއް ޕީއެންސީ އަށް ލިބުމން އެކަމުގެ އުފާ ފާހަގަކުރަން ބޭއްވި ޖަލްސާގައި ޝުޖާއު އެ އިޝާރާތް ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު [2021 ވަނަ އަހަރު] ދޫކުރި ސުކޫކަށް ދައްކަންޖެހޭ 524.68 މިލިއަން ޑޮލަރު (8 ބިލިއަން ރުފިޔާ) ސަރުކާރުން މި މަހު ދައްކާފައިވާ ވުމާއި އިންޑިއާ އިން ރާއްޖެ އަށް ދޫކުރި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ކަރަންސީ ސްވޮޕް އިއްޔެ އަނބުރާ ދައްކާފައިވާތީ އެވެ. 

ޝުޖާއު ރޭ ވިދާޅުވީ އެއީ ހއ. ފިއްލަދޫ ފަދަ އެތައް ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގޭނެ ފައިސާ ކަމަށެވެ. 

"އަޅުގަނޑުމެން މިއަދު ޖަޒުބާތު މިވަނީ އަޅުގަނޑުމެންގެ ރަށްރަށުގައި ބާރު ސްޕީޑުގައި މަސައްކަތް ނުފެށި މި އޮތީ މި މީހުން ނެގިހާ ލޯނޭ ރައީސް މުއިއްޒު ދެ އަހަރު ވަންދެން ދައްކަން ޖެހިފައި މި އޮތީ. އަސަރުކުރޭ. އަޅުގަނޑުމެންގެ ރައްޔިތުން ހާދަ ހާލުގައޭ ރަށްރަށުގައި އުޅެނީ،" ޕީއެންސީގެ ޕީޖީ ގުރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރުގެ މަގާމު ވެސް ފުރުއްވާ ޝުޖާއު ވިދާޅުވި އެވެ. 

"މިސްކިތެއް ނުލިބިގެން އަޅުގަނޑުމެންގެ ރަށްރަށުގެ ރައްޔިތުން އުޅޭތާ ހާދަ ޒަމާނެއް ވެއްޖެއޭ. އެހެން ނަމަވެސް ކިހިނެއްތޯ ބާރު ސްޕީޑުގައި މިސްކިތް އަޅާނީ؟ ނެގިހާ ލޯނުން ކުރި ކަމެއް ނެތް. އެންމެން ކެއީއޭ އެ ލާރި. ރައީސް މުއިއްޒަށް މި ޖެހެނީ އެ ލޯނު ދައްކަން."

ލޯކަލް ކައުންސިލް އިންތިހާބުގައި ފިއްލަދޫގެ ހުރިހާ ގޮނޑިއެއް ޕީއެންސީ އަށް ލިބުމުން އެކަމުގެ އުފާ ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމާއި އެހެން ބައެއް އިސްވެރިން.
ލޯކަލް ކައުންސިލް އިންތިހާބުގައި ފިއްލަދޫގެ ހުރިހާ ގޮނޑިއެއް ޕީއެންސީ އަށް ލިބުމުން އެކަމުގެ އުފާ ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމާއި އެހެން ބައެއް އިސްވެރިން.

ޝުޖާއު ވިދާޅުވީ، ދިވެހިން ބޭނުންވަނީ "ދިވެހީންގެ ރާއްޖެ" ކަމަށާއި "އެ ރާއްޖެ" ބޭނުން ނުވާ ކަމަށެވެ. 

"އެ ރާއްޖެއަކީ ވަރަށް ނާމާން ރާއްޖެއެއް. އެ ރާއްޖޭގައި ލޯނު ނަގާނެ މަތިމައްޗަށް، ދެއްކޭނެ ގޮތެއް ނުހޯދާނެ. އެ ރާއްޖޭގައި ނަގާ ލޯނަށް އެ މީހުން ޒިންމާއެއް ނުވާނެ، ދެން އަންނަ ބަޔަކު ޒިންމާވާނީ،" އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި ދެން ފެށޭނީ ޕީއެންސީގެ ހަގީގީ ވެރިކަމެކެވެ. ޕީއެންސީގެ ހަގީގީ ވެރިކަން ފެށޭއިރު، އަތޮޅުތެރޭގައި ދިރިއުޅޭ އެ ޕާޓީގެ މެމްބަރުން ވަރަށް ބޮޑަށް އުފާވާނެ ކަމަށާއި ބަދަލު އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަންނާނީ ހެޔޮ ބަދަލު. އެ ބަދަލަށް އަޅުގަނޑުމެންގެ ޕާޓީގެ ގްރާސްރޫޓް ތައްޔާރު ވާންވީ. އަޅުގަނޑުމެންގެ ޕާޓީގެ ލީޑަޝިޕުން ވަރަށް އިހުލާސްތެރި ތެދުވެރި މަސައްކަތް އިރާދަކުރެއްވިއްޔާ ތިޔަ ލޮބުވެތި ރައްޔިތުންނާ އެކު ވާނަން،" 

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެމްޑީޕީގެ ސަރުކާރުން ނެގި ސުކޫކަށް ޖެހޭ 524.68 މިލިއަން ޑޮލަރު އަނބުރާ ދެއްކީ އިތުރަށް ދިވެހި ދައުލަތް ދަރުވާނުލައި، ދައުލަތުގެ އަމިއްލަ ބާރުގައި ކަމަށެވެ. އަދި އެ ލޯނާ އެކު ރަހުނުކުރި ފިނޭންސް މިނިސްޓްރީގެ އިމާރާތް ފަދަ ސަރުކާރުގެ އެތައް އިމާރާތެއް ސަލާމަތް ކުރެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވެފައި ވެ އެވެ. 

ރައީސް މުއިއްޒު 2024 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ގާއިމްކުރި ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 400 މިލިއަން ޑޮލަރު ދޫކޮށްފައި ވެ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައި ބުނީ، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ދައްކާފައިވާ ކަމަށެވެ. އަދި އިތުރު 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕެއް ރާއްޖެއަށް ދޭން އިންޑިއާ ސަރުކާރުން ނިންމާފައިވާ ކަމަށާއި އެހެންވެ، އެކަމަށް ޝުކުރު އަދާކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.