މަޝްހޫރު ދީނީ އިލްމުވެރިޔާ ސައޫދީ އަރަބިއްޔާގެ ޝައިހް އާސިމް އަލް ހަކީމް، 8 ދުވަހުގެ ދަތުރެއްގައި ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ހުއްދައާ އެކު އެ ދަތުރު ހަމަޖައްސާފައި ވަނީ "ދަ ޓްރެވަލާ" ގްރޫޕުންނެވެ.

އެ ގްރޫޕުގެ އެއް ފައުންޑާ އަހުމަދު ނަޖާހު "މިހާރު" އަށް މިއަދު ވިދާޅުވީ ރާއްޖޭގެ ފަސް ސިޓީގައި ޝައިހް އާސިމް ދަރުސް ދެއްވާނެ ކަމަށެވެ. ސިޓީ ތަކަށް ދަތުރުތައް ހަމަޖައްސާފައި ވަނީ އެ ސިޓީއެއްގެ ކައުންސިލުންނެވެ.

ދަރުސް ދެއްވާ ސިޓީތައް:

  • މާލެ
  • ހދ. ކުޅުދުއްފުށި
  • ގދ. ތިނަދޫ
  • ފުވައްމުލައް
  • އައްޑޫ

ޝައިހް އާސިމް މި މަހުގެ 27 ވަނަ ދުވަހު ރާއްޖެ ވަޑައިގެން ދަރުސްތައް ފައްޓަވާނީ 28 ވަނަ ދުވަހުގެ ރޭ 8:30ގައި ކުޅުދުއްފުށިން ކަމަށް ވެސް ނަޖާހު ވިދާޅުވި އެވެ.

އޭގެ ފަހުން 29 ވަނަ ދުވަހުގެ ރޭ ދަރުސް ދެއްވާނީ މާލޭގަ އެވެ. އަދި 30 ވަނަ ދުވަހުގެ ރޭ ދަރުސް އޮންނާނީ އައްޑޫގަ އެވެ.

އަންނަ މަހު އެއް ވަނަ ދުވަހު ފުވައްމުލަކަށް ވަޑައިގެން ދަރުސް ދެއްވުމަށް ފަހު ދެވަނަ ދުވަހުގެ ރޭ ތިނަދޫގައި ދަރުސް ދެއްވާނެ ކަމަށް ވެސް ނަޖާހު ވިދާޅުވި އެވެ.

ނަޖާހު ވިދާޅުވި ގޮތުގައި ކޮންމެ ދަރުހަކަށް ފަހު ވެސް 15 ވަރަކަށް މިނެޓް އާންމުންގެ ސުވާލުތަކަށް ފުރުސަތު ދެއްވާނެ އެވެ.

ޝައިހް އާސިމަކީ ދުނިޔޭގެ ފެންވަރުގައި މަގުބޫލުކަން ހޯއްދަވާފައިވާ އިލްމުވެރިއެކެވެ. ހުދާ ޓީވީ، ޕީސް ޓީވީ އަދި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް އިނގިރޭސި ބަހުން ދީނީ އިލްމު ފެތުރުއްވުމުގައި އޭނާ ފާހަގަކޮށްލެވެ އެވެ.