އިނގިރޭސި ވިލާތުގެ މަޝްހޫރު ޒުވާން ޝައިހް އަބޫ ތައިމިއްޔާ ދަރުހާއި ދީނީ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
މަހަލްދީބް ފައުންޑޭޝަނުން އިންތިންޒާމްކުރާ އެ ޕްރޮގްރާމް އޮންނާނީ "އެންލައިޓްން" ނަމުގަ އެވެ.
މަހަލްދީބް ފައުންޑޭޝަނުން ބުނީ އަބޫ ތައިމިއްޔާ ރާއްޖޭގައި ނުވަ ދުވަހުގެ މުއްދަތަށް ހުންނަވާނެ ކަމަށެވެ.
އޭނާގެ ހާއްސަ ޕްރޮގްރާމްގައި ދީނީ އަދި ތައުލީމީ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާއިރު، ބޮޑަށް އަމާޒު ކޮށްފައިވަނީ ޒުވާނުންނާއި ފުރާވަރު އުމުރުފުރާގެ މީހުންނަށް ކަމަށް ވެސް އެ ފައުންޑޭޝަނުން ބުންޏެވެ.
ދީނީ ޕްރޮގްރާމުތައް ހިންގަން ނިންމާފައި ވަނީ މާލެ އާއި އައްޑޫގެ އިތުރުން ފުވައްމަލަކުގަ އެވެ. އެގޮތުން ޝައިހުގެ ދަތުރުގެ ޕްރޮގްރާމްތައް ފެށުމަށް ނިންމާފައި ވަނީ މިއަދު މާލޭގަ އެވެ.
އެކި ބައްދަލުވުންތަކާއި ޒުވާނުންނަށް ހާއްސަ ޑިނާ ނުވަތަ ކޮފީ އާއި ޔުނިވާސިޓީ ދަރިވަރުންނާއި ސްކޫލު ދަރިވަރުންނަށް ތަފާތު ޕްރޮގްރާމްތައް ރާވާފައިވާ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ބާއްވާ ސެޝަންތަކާއި އާންމު ދަރުހަކާއި ހުކުރު ހުތުބާއަކާ އެކު ޒުވާނުންގެ ކުޅިވަރު ހަރަކާތްތަކުގެ އިތުރުން އަންހެނުންނަށް ހާއްސަ ސެޝަނަކާއި ޓީވީ އަދި ޕޮޑްކާސްޓް ރެކޯޑިންތަކާއި ދިވެހި އިލްމުވެރިންނާ އެކު ބާއްވާ ހާއްސަ ބައްދަލުވުމެއް ވެސް ރާވާފައިވެ އެވެ.
އަންނަ އާދިއްތަ ދުވަހު އައްޑުއަށް: އައްޑޫ ހައި ސްކޫލަށް ޒިޔާރަތް ކުރެއްވުމާއި އެ ސިޓީގެ އެހެން ބައެއް ސްކޫލްތަކުގެ ވެރިންނާއި ދަރިވަރުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު އާންމު ދަރުހެއް ބޭއްވުން.
ހޯމަ ދުވަހު ފުވައްމުލަކަށް: ފުވައްމުލަކު ސްކޫލުގައި ސެޝަނަކާއި ޒުވާނުންނާ އެކު ބައްދަލުވުމަކާއި ފުވައްމުލައް ސިޓީ ކައުންސިލްގެ އެހީތެރިކަމާ އެކު ދަރުހެއް ބޭއްވުމުގެ އިތުރުން ފުވައްމުލަކުގައި ޓޫރިޒަމް ތަޖުރިބާތަކާއި ފެތުމުގެ ހަރަކާތްތަކަށް ދުވަހެއް ހާއްސަކުރުން.
މި ދަތުރު ނިންމަވައިލެއްވުމަށް ފަހު ޝައިހް އަބޫ ތައިމިއްޔާ ފުރާވަޑައިގަންނަވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.
ޝައިހް އަބޫ ތައިމިއްޔާ ވަނީ މަދީނާ އިސްލާމީ ޔުވާސިޓީން ގްރޭޖުއޭޓްވެ، އަދި ޔަމަނާއި މިސްރު ފަދަ ގައުމުތަކުން ވެސް ކިޔަވައި ވިދާޅުވެފަ އެވެ.