ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ ތެރޭގައި މި ފަހުން އިންޑިއާގެ މީހުން އިތުރުވެފައި ވަނިކޮށް އެ ގައުމުގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ކަންބޮޑުވުން ފާޅުކޮށް ހާއްސަ އެޑްވައިޒަރީއެއް ނެރެފި އެވެ. 

ދިވެހިރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅު ގާނޫނު އިތުރަށް ހަރުކަށިކޮށް މަރުގެ އަދަބު ވެސް ހިމަނާފައިވާކަން ފާހަގަކޮށް އެންސީބީން ނެރުނު "ހައި-ޕްރިއޮރިޓީ އެޑްވައިޒަރީ" ގައި ވަނީ ގައުމެއްގެ ގާނޫނު ނޭނގުމަކީ ކުށުން ބަރީއަވުމަށް ދެއްކޭނެ އުޒުރެއް ނޫން ކަމަށާއި، އެހެންވެ ހަރުކަށި އަދަބުތަކުން ސަލާމަތްވުމަށް ގާނޫނަށް ބޯލެނބުން މުހިންމު ކަމަށެވެ.

އެއާޕޯޓްތަކާއި ކަނޑު ބަނދަރުތަކާއި ޓްރާންސިޓް ޕޮއިންޓްތަކުން، ދަތުރުކުރާއިރު، ގޮތް ނޭނގޭ މީހުން ދޭ އެއްޗިއްސާ ހަވާލު ނުވުމަށާއި އެ މީހެއްގެ އަމިއްލަ ދަބަސްތަކާއި ފޮށި ފަދަ ތަކެއްޗަށް އަބަދުވެސް ސަމާލުވެ ތިބުމަށް އެންސީބީން ވަނީ ލަފާ ދީފަ އެވެ. 

އެންސީބީން މި ބަޔާން ނެރެފައި ވާއިރު ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވެސް ވަނީ ރާއްޖޭގެ ގާނޫނުތަކަށް ފުރިހަމައަށް ބޯލެނބުމަށް ދަތުރުވެރިންނަށް އިލްތިމާސްކޮށް، މަސްތުވާތަކެތީގެ ގާނޫނު ހަރުކަށިކޮށްފައިވާކަން ސަމާލުކަމަށް ގެނެސްފަ އެވެ. 

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަނިކޮށް މިދިޔަ މަހު އިންޑިއާގެ ފަސް މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ ވަކި ތިން މައްސަލައެއްގަ އެވެ. ވެލާނާ އެއާޕޯޓުން އަތުލައިގަތް އެ މީހުންގެ ތެރެއިން ފުރަތަމަ ދެ މީހުންގެ އަތުން 6.7 ކިލޯ ގްރާމްގެ ހަޝިޝް އޮއިލް ފެނިފައި ވާއިރު ދެން ހައްޔަރުކުރި ދެ މީހުންގެ އަތުން 1.83 ކިލޯގެ ހަޝިސް އޮއިލް ފެނުނެވެ. މިދިޔަ މަހު ދެން އިންޑިއާ މީހަކު ހައްޔަރުކުރީ ވައިގެ މަގުން އައްޑުއަށް މަސްތުވާތަކެތި އެތެރެކުރަނިކޮށެވެ. އެ މީހާގެ އަތުން ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވެ އެވެ. 

މި މަހު ވެސް އިންޑިއާގެ ދެ އަންހެނަކު 2.17 ކިލޯގެ މަސްތުވާތަކެއްޗާ އެކު އަދި އިންޑިއާގެ އަންހެނަކާއި ފިރިހެނަކު 2.4 ކިލޯގެ ޑްރަގާ އެކު ވެލާނާ އެއާޕޯޓުން ހައްޔަރުކުރި އެވެ.

މަސްތުވާތަކެތީގެ ކުޑަ މިންވަރެއް އަތުން ފެނުނަސް ބޮޑެތި އަދަބުތައް ލިބޭއިރު، ސީރިއަސް ކުށްތަކަށް އުމުރަށް ޖަލަށްލުމާއި މަރުގެ އަދަބު ވެސް މިހާރު ވަނީ ގާނޫނުގައި ހިމަނައިފަ އެވެ. 

 މިދިޔަ އަަހަރުގެ ޑިސެމްބަރު މަހު މަސްތުވާތަކެތީ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން މަރުގެ އަދަބު ކަނޑައެޅޭ މަސްތުވާތަކެއްޗާއި ބަރުދަން:

  • އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 350 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ކެނެބިސް ކަމުގައި ވުން،
  • އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިން ކަމުގައިވުން،
  • އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ ކެނެބިސް އަދި ޑައިމޯފިން ފިޔަވައި ޖަދުވަލު1ގައި ހިމެނޭ މަސްތުވާކެއްޗެއް ނަމަ 100 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކަމުގައިވުން،

މިފަދަ މައްސަލައެއްގައި އަދަބު މީހެއްގެ މައްޗަށް ކަނޑައެޅިއްޖެ ނަމަ އެ ހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލާގައި ކަން ހިނގާފައިވާ ގޮތް މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަން ޖެހެ އެވެ. 

މަރުގެ ތަންފީޒު ކުރެވޭނީ ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެގޮތުގެ މަތިން ހުކުމް ކުރުމުންނެވެ. ސުޕްރީމް ކޯޓުގެ ބެންޗުން އިއްތިފާގު ނުވާ ހާލަތުގައި އިއްވަން ޖެހޭނީ އުމުރަށް ޖަލަށްލުމާ އެކު 100,000ރ. އިން ފެށިގެން 10,000,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މި ބަދަލުތަކަށް އަމަލުކުރަން ފަށާފައި ވަނީ މިދިޔަ މާޗް މަހުގެ ހަތް ވަނަ ދުވަހުން ފެށިގެންނެވެ.