ޕާލަމެންޓްތައް ހިންގަންވާނީ ސާފު މަގުސަދަކާއި މިނިވަންކަމާ އެކު ކަމަށާއި އެހެން ނޫން ނަމަ ސަރުކާރުގެ ގޮފިތަކުގެ މެދުގައި އޮންނަން ޖެހޭ ބެލެންސް ގެއްލި، ރައްޔިތުން ކުރާ އިތުބާރު ކުޑަވަމުންދާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަން (ސީޕީއޭ) ސްމޯލް ބްރާންޗަސް ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ނައިބުަ ރައީސް ވިދާޅުވީ ޑިމޮކްރަސީގެ އުސޫލުން ހިންގުމުގެ ހިތަކީ ހަރުދަނާ މިނިވަން ޕާލަމެންޓްތައް ކަމަށެވެ. ކޮމަންވެލްތާއި އެ ޖަމާއަތުގެ މެންބަރު ގައުމުތަކާ އެކު އޮންނަ ގުޅުމަށް ރާއްޖޭން ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމަށާއި ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމުގައި ރާއްޖޭގެ ކޮމިޓްމެންޓް ވަރުގަދަ ކަމަށް ވެސް ވިދާޅުވި އެވެ.

"މި ވޯކްޝޮޕްގެ އަމާޒު ކަމަށްވާ ހަރުދަނާ މިނިވަން ޕާލަމެންޓްތައް ބިނާކުރުން، އެއީ ޑިމޮކްރެޓިކް ގަވާނެންސްގެ ހިތާ ގުޅިފައިވާ ކަމެއް. ޕާލަމެންޓެއް ހިނގަން ޖެހޭނީ ސާފު މަގުސަދަކާއި މިނިވަންކަމާ އެކީ. މިކަންތަކާ ނުލައި ސަރުކާރެއްގެ ގޮފިތަކުގެ މެދުގައި އޮންނަ ބެލެންސް ބަލިކަށިވެ، ރައްޔިތުންގެ އިތުބާރު ކުޑަވާނެ،" ނައިބު ރައީސް ވިދާޅުވި އެވެ. 

މިއަދު ފެށި ވޯކްޝޮޕަކީ ރާއްޖެއަށް ފައިދާ ބޮޑު މަސައްކަތެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ތަގުރީރުކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހަށް ގެންނަ އިސްލާހުތަކުގެ އަމާޒަކީ ޒިންމާދާރުކަމާއި މީހުންގެ ބައިވެރިވުމާއި މީހުންގެ ބައިވެރިވުން އޮންނަ މިންވަރު ހަރުދަނާ ކުރުން ކަމަށެވެ. މަޖިލީހުގެ މަސައްކަތުގައި ރައްޔިތުންގެ ބައިވެރިވުން އޮންނަ މިންވަރު އިތުރުކުރަން ފަހުގެ އަހަރުތަކުގައި އާ ގޮތްތައް ތައާރަފުކޮށްފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"މި ފަހުން ތައާރަފުކުރި އެފަދަ އާ އެއް ކަމަކީ އީ-ޕެޓިޝަން ނިޒާމު، އެއީ ޑިޖިޓަލް ޕްލެޓްފޯމެއް މެދުވެރިކޮށް ރައްޔިތުންނަށް ސީދާ ގޮތެއްގައި މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ ނިޒާމެއް، ގާނޫނު ހެދުމުގެ މަރުހަލާގަައި ރައްޔިތުންނަށް ބައިވެރިވާ އަދި ބައިވެރިވެވޭ މިންވަރު މި ޕްލެޓްފޯމާ އެކީ ފާހަގަކޮށްލެވޭ ވަރަށް އިތުރުވެެއްޖެ،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

މަޖިލިހުގެ ރައީސް ވިދާޅުވި ގޮތުގައި ޑިމޮކްރެޓިކް މަސައްކަތުގައި އެންމެން ޝާމިލުކުރަން މަޖިލީހުން އެ ނޫނަސް ގިނަ އެހެން މަސައްކަތްތަކެއް ކުރެ އެވެ. ޒުވާނުންނަށާއި އަންހެނުންނަށް ބާއްވާ ޕްރެކްޓިސް ޕާލަމެންޓަކީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެފަދަ މަސައްކަތެކެވެ.