ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ތަރައްގީވެ ކުރިއަރާގޮތް، މިހާރު ގެންނަމުންދާ އިސްލާހުތަކާ އެކު ބަދަލުވަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަން (ސީޕީއޭ)ގެ ސްމޯލް ބްރާންޗަށް ވޯކްޝޮޕް ރާއްޖޭގައި ފަށަން ބޭއްވި ރަސްމިއްޔާތުގައި ކުރެއްވި ތަގުރީރުގައި އަބްދުއްރަހީމް ވިދާޅުވީ މަޖިލީހަށް ގެންނަ އިސްލާހުތަކުގެ އަމާޒަކީ ޒިންމާދާރުކަމާއި މީހުންގެ ބައިވެރިވުމާއި މީހުންގެ ބައިވެރިވުން އޮންނަ މިންވަރު ހަރުދަނާ ކުރުން ކަމަށެވެ. މަޖިލީހުގެ މަސައްކަތުގައި ރައްޔިތުންގެ ބައިވެރިވުން އޮންނަ މިންވަރު އިތުރުކުރަން ފަހުގެ އަހަރުތަކުގައި އާ ގޮތްތައް ތައާރަފު ކޮށްފައިވާ ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"މި ފަހުން ތައާރަފުކުރި އެފަދަ އާ އެއް ކަމަކީ އީ-ޕެޓިޝަން ނިޒާމު، އެއީ ޑިޖިޓަލް ޕްލެޓްފޯމެއް މެދުވެރިކޮށް ރައްޔިތުންނަށް ސީދާ ގޮތެއްގައި މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ ނިޒާމެއް، ގާނޫނު ހެދުމުގެ މަރުހަލާގަައި ރައްޔިތުންނަށް ބައިވެރިވާ އަދި ބައިވެރިވެވޭ މިންވަރު މި ޕްލެޓްފޯމާ އެކީ ފާހަގަކޮށްލެވޭ ވަރަށް އިތުރުވެެއްޖެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މަޖިލިހުގެ ރައީސް ވިދާޅުވި ގޮތުގައި ޑިމޮކްރެޓިކް މަސައްކަތުގައި އެންމެން ޝާމިލުކުރަން މަޖިލީހުން އެ ނޫނަސް ގިނަ އެހެން މަސައްކަތްތަކެއް ކުރެ އެވެ. ޒުވާނުންނަށާއި އަންހެނުންނަށް ބާއްވާ ޕްރެކްޓިސް ޕާލަމެންޓަކީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެފަދަ މަސައްކަތެކެވެ.
"މި ޕްރޮގްރާމްތައް ޑިޒައިން ކޮށްފައި ވަނީ ޒުވާނުންނާއި އަންހެނުންނަށް މަޖިލީހުގެ މަސައްކަތް ބޮޑަށް ފަހުމްވުާން އެހީތެރިވެދިނުމާ އެކު ޑިމޮކްރަސީގެ ހަޔާތުގައި އަދި ނިންމުންތައް ނިންމުމުގައި ބައިވެރިކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މަޖިލިސް ރައީސް ވިދާޅުވި ގޮތުގައި އެ މަސައްކަތްތަކަކީ ޑިމޮކްރަސީގައި ގިނަ މީހުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކުރަން ގައުމީ ފެންވަރުގައި ކުރާ މަސައްކަތުގެ ބައެކެވެ.
މީހުން ބިނާކުރުމާއި މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމުގެ ޕްރޮގްރާމްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލިސް ހަރުދަނާކުރުމުގައި ސީޕީއޭ އިން މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށް ވެސް މަޖިލިހުގެ ރައީސް ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލިސް ބަދަލުވަމުން އަންނަ އައުމުގެ އެކި މަރުހަލާތަކުގައި އެ ޖަމިއްޔާއިން އެހީތެރިވެދިން ކަމަށް ވެސް ވިދާޅުވި އެވެ.