ނޫސްވެރިންކަމުގެ އަސާސީ މިންގަނޑުތައް ހިފަހައްޓައި، ރައްޔިތުންނަށް މައުލޫމާތު ފެތުރުމުގައި ޒިންމާދާރުކަމާ އެކު، މަސައްކަތް ކުރުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިވެހި ނޫސްވެރިންނަށް ގޮވާލައްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސީރިއަސް ތުހުމަތުތަކެއް ކޮށް "އަދަދު" ނޫހުން "އައިޝާ" ގެ ނަމުގައި ހެދި ޑޮކިއުމެންޓްރީގެ މައްސަލަ ހޫނުވެފައިވަނިކޮށް، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ، ޒިންމާދާރު ނޫސްވެރިކަމުގައި، ޑިމޮކްރަސީގެ އަސާސްތަކަށް އިހުތިރާމުކޮށް، ޚަބަރުތައް ގެނެސްދިނުމުގެ ކުރިން، މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރަންޖެހޭ ކަމަށެވެ.

ނޫސްވެރިކަމުގެ އަސާސީ މިންގަނޑުގެ ބޭރުން މަސައްކަތްކުރާ ނަމަ، ނޫސްވެރިން ގެނެސްދޭ މައުލޫމާތަށް ބަރޯސާވާ އާންމު ރައްޔިތުންގެ މެދުގައި ސައްހަ ނޫން މައުލޫމާތު ފެތުރި، މުޖުތަމައުގެ ހަމަޖެހުން ގެއްލުމުގެ ފުރުސަތު ބޮޑުވާ ކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.

އެ ޑޮކިއުމެންޓްރީގެ މައްސަލާގައި އަދަދު ނޫހުގެ އޮފީހަށް ފުލުހުން ރޭ ވަދެ ފާސްކޮށް ގިނަ އަދަދެއްގެ ތަކެތި ވަނީ ގެންގޮސްފަ އެވެ.

އަދި އަދަދު ނޫހުގެ ހުސައިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފަ އެވެ.

ޕާސްޕޯޓް ހިފަހައްޓާފައިވަނީ، ޑޮކިއުމެޓްރީގައި ރައީސަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅޭ ތަހުގީގު ކުރިއަށް ދާތީ ރާއްޖޭން ފުރައިގެން ހިނގައިދާނެ ކަމަށް ބުނެ އެވެ.

ރައީސް މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ އެ ޑޮކިއުމެންޓްރީއާ ބެހޭ ގޮތުން އިއްޔެ ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސާ ސުވާލުކުރުމުން އެ މަނިކުފާނު ވަނީ އޭގައި ކުރާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައިފަ އެވެ.

އަދި އެ ޑޮކިއުމެންޓްރީ ހެދުމުގައި ބައިވެރިވި އެންމެހައި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވީ، ރައީސް މުއިއްޒށް ގަޒްފުކުރި ކަމަށް ތުހުމަތުކުރާ މައްސަލަތަކުގައި މީޑިއާއެއްގެ އޮފީސް ފާސްކުރުމަކީ ފުލުހުންނަށް ލިބިގެންވާ ބާރެއް ކަމަށާއި އަދި އަދާކުރަންޖެހޭ ޒިންމާއެއް ކަމަށެވެ.

އެކްސްގައި އިނގިރޭސި ބަހުން ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކޮށްދޭ ކަމަށާއި ނަމަވެސް އެއީ މީހުންގެ އަބުރުކަތިލަން އޮތް މިނިވަންކަމެއް ނޫން ކަމަށެވެ. ގާނޫނުއަސާސީގައި އަސާސީ ހައްގުތަކާ ބެހޭ ގޮތުން ހުރި ބައެއް މާއްދާތަކުގައި އެކަން އޮތް ގޮތް މިނިސްޓަރު އެއާ އެކު ލިޔުއްވި އެވެ. 

"ސީރިއަސް ތުހުމަތުތައް ހަދަހަދައިގެން ފެތުރުމަކީ ނޫސްވެރިކަމެއް ނޫން. ފުލުހުން ދަމަހައްޓަމުން އެ ދަނީ ގާނޫނުގެ ބާރާއި ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގެންފައިވާ ހައްގުތައް،" މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

އަދަދު ނޫހަށް ފުލުހުން މައްސަލައިގައި، ބައިނަލްއަގުވާމީ ނޫސްވެރިންގެ ޖަމިއްޔާތަކާއި ބޭރުގެ ބައެއް ގައުމުތަކުން ވެސް ވަނީ ކަންބޮޑުވުންފާޅުކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކޮށްދިނުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.