މީގެ ފަސް އަހަރު ކުރިން، ހ. ތިލަފުށީގޭގެ ކެމިކަލް ގުދަނުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ އެ ގުދަން ހިންގި ގްރީން ޕާތު ޕްރައިވެޓް ލިމިޓެޑްގެ އިހުމާލުން ހިނގި ހާދިސާއެއް ކަމަށް ވިޔަސް އެ ހާދިސާ އެނދި ސައިކަލްތަކުގެ ބަދަލުގައި އާ ސައިކަލެއްގެ އަގު ބަދަލުގެ ގޮތުގައި ނަގައި ނުދެވޭނެ ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ޖެނުއަރީ 2022 ގައި ދެ މީހަކު ސިވިލް ކޯޓަށް ހުށަހެޅި ދައުވާއަށް ހަތަރު އަހަރު ފަހުން ގާޒީ އާއިޝަތު އަޒްފާ އަބްދުލްޣަފޫރު ކުރެއްވި ހުކުމުގައިވަނީ، މާލޭގައި މިހާތަނަށް ހިނގި އަލިފާނުގެ އެންމެ ބޮޑު އެ ހާދިސާ ހިނގަން މެދުވެރިވީ، އެ ގުދަން ހިންގި ގްރީން ޕާތު ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ އިހުމާލު ކަމަށް ހައި ކޯޓުން ވެސް ކަނޑައަޅާފައިވާ ކަމަށާއި ދައުވާކުރި ދެ މީހުންގެ ސައިކަލް އެ ގުދަން ކައިރީ ޕާކުކޮށްފައި ހުއްޓާ އަނދައިގެން ދިޔަކަން ވެސް ސާބިތުވާ ކަމަށެވެ.
ނަމަވެސް ގްރީން ޕާތުން ކޯޓުގައި ބުނެފައިވަނީ ގުދަނުގައި ރޯވި ހާދިސާގެ ތަހުގީގު ފުލުހުން އަދިވެސް ކުރިއަށް ގެންދާ ކަމަށާއި ތަހުގީގު ނުނިމޭތީ، އަލިފާނުގެ ހާދިސާ އަކީ އިހުމާލެއް ކަމަށް ކަނޑަނޭޅޭނެ ކަމަށެވެ. އެހެންވެ ސައިކަލްތައް އެނދީ ކުންފުނީގެ އިހުމާލުން ކަމަށް އަދި ކުންފުނީގެ މައްޗަށް އޮތް ގާނޫނީ ޒިންމާއާ ހިލާފުވެގެންކަން ސާބިތުކޮށްދީގެން ނޫނީ ގެއްލުމުގެ ބަދަލަށް ނޭދެވޭނެ ކަމަށް ކުންފުނިން ބުނެފައިވެ އެވެ.
މިއީ އިހުމާލުގެ ސަބަބުން އެނދި ސައިކަލްތަކެއް ކަމަށް ކަނޑައަޅާ ހާލަތެއްގައި ވެސް، އެނދި ސައިކަލްތަކަކީ ފަސް ވަރަކަށް އަހަރު ދުއްވާފައިވާ ސައިކަލްތަކެއްކަން ލިޔެކިޔުންތަކުން އެނގޭ އިރު، އެ ސައިކަލްތަކުގެ ބަދަލުގައި އާ ސައިކަލު ގަތުމަށް ކުރި ހޭދަ ބަދަލުގެ ގޮތުގައި ދިނުމަކީ އެކަށީގެން ނުވާ ބޮޑު ބަދަލެއް ދިނުން ކަމަށް ވެސް، ދައުވާ ލިބުނު ކުންފުނިން ކޯޓުގައި ބުނެފައިވެ އެވެ.
ވަކިވަކިން ކޮށްފައިވާ ދެ ދައުވާގައި އެކަކު އެދުނީ ސައިކަލް އެނދުމުން އާ ސައިކަލެއް ގަތުމަށް ހޭދަކުރަން ޖެހުނު 54،000ރ. ނަގައިދިނުމަށެވެ. އަނެކަކު އެދުނީ 55،750ރ. ނަގައިދިނުމަށެވެ. އަދި ދެ މީހުން ވެސް ވަނީ ކޯޓަށް މައްސަލަ ހުށަހަޅަށް ޖެހުމުން ވަކީލް ފީގެ ގޮތުގައި 15،000ރ. ނަގައިދޭން ވެސް އެދިފަ އެވެ.
އިހުމާލު އޮތްކަމަށް ކަނޑައެޅުން: މައްސަލައިގެ ތަހުގީގު އަދިވެސް ނުނިމޭ ކަމަށް، ދައުވާ ލިބޭ ފަރާތުން ބުނި ކަމުގައި ވިޔަސް ސިވިލް ކޯޓުން ނިންމީ މި ހާދިސާ ހިނގީ ދައުވާލިބޭ ގްރީން ޕާތު ކުންފުނީގެ އިހުމާލުންކަން މީގެ ކުރިން ސިވިލް ކޯޓުން ކަނޑައަޅައި އަދި އެ ނިންމުންތަކަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން ވެސް ކަނޑައަޅާފައި ވާތީ މިއީ އިހުމާލެއްތޯ ނުވަތަ ނޫންތޯ އަލުން ކަނޑައަޅަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ކޯޓުން ކުރިން ނިންމާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެ ފުރިހަމައަށް އަޅާފައި ނުވުމާއި، ބަލަންޖެހޭ މިންވަރަށް ނުބެލުމުގެ ސަބަބުން "ޑިއުޓީ އޮފް ކެއާ" އާ ގްރީން ޕާތުން ހިލާފުވެފައިވާ ކަމަށާއި މިއީ އެ ކުންފުނީގެ އިހުމާލުން ހިނގި ހާދިސާއެއްކަން ސާބިތުވާ ކަމަށެވެ.
ބަދަލު ނަގައިނުދެވުނު ސަބަބު: ދައުވާކުރި ދެ މީހުން އެދުނީ ސައިކަލް އެނދުމުން އާ ސައިކަލް ގަންނަން ކުރަން ޖެހުނު ހަރަދު ނަގައިދިނުމަށެވެ. ނަމަވެސް ކޯޓުން މި ބަދަލު ނަގައިނުދެވޭނެ ކަމަށް ނިންމީ؛
- އާ ސައިކަލުގެ އަގު ނަގައެއްނުދެވޭނެ: ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ މަގްސަދަކީ ގެއްލުންވި ފަރާތް ކުރިން ހުރި ހާލަތަށް ރުޖޫއަކުރުން ކަމަށް ވާއިރު ބާވެފައިވާ ސައިކަލެއްގެ ބަދަލުގައި އާ ސައިކަލެއްގެ އަގު ނަގައިދިނުމަކީ "އަންޖަސްޓް އެންރިޗްމަންޓް" ނުވަތަ ނުހައްގު މަންފާއެއް ލިބިދޭނެ ކަމަކަށް ވާނެތީ،
- ޑިޕްރިސިއޭޓެޑް ވެލިއު ހުށަނޭޅުން: ގެއްލުންވި ސައިކަލަކީ ބޭނުންކޮށްފައިވާ ބާ ސައިކަލަކަށްވާތީ، ބަދަލު ނަގައިދެވޭނީ އޭގެ އަސްލު އަގުން 'ޑިޕްރިސިއޭޓެޑް ވެލިއު، އުނިކޮށްފައި ކަމަށް ވާތީ. ދައުވާކުރި ފަރާތުން ސައިކަލުގެ އެފަދަ އަގެއް ނަގައިދނުމަށް އެދިފައި ނުވާކަން ކޯޓުން ފާހަގަކުރި.
"ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭނީ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ މައްސަލައަށް ކަމަށާއި ނޭދޭ ފަރުވާއެއް ފޯރުކޮށްދިނުމުގެ އިހްތިޔާރެއް ފަނޑިޔާރަށް ލިބިގެން ނުވާ ކަމަށް" މީގެ ކުރިން ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވާތީ، ސައިކަލްތަކުގެ ބަދަލުގައި އެއްވެސް ފައިސާއެއް ދެއްކުމަށް އަމުރުކުރެވެން ނެތް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ނަމަވެސް، ދައުވާކުރި ދެ މީހުންނަށް ވެސް ގާނޫނީ ވަކީލްގެ ފީގެ ގޮތުގައި 15،000ރ. ދެއްކުމަށް ގްރީން ޕާތު ކުންފުނީގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ.