ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް އިއްޔެ ފޮނުވައިފި އެވެ.
ޕީޖީގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރިޔާޒުގެ މައްޗަށް ކުރަނީ ގާނޫނުލް އުގޫބާތުގެ 532 ވަނަ މާއްދާގެ ދަށުން، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ.
މި ކުށް ސާބިތުވެއްޖެ ނަމަ އެންމެ ކުޑަވެގެން އެއް މަހާއި ހަ ދުވަަސް އަދި ދިގުވެގެން އެއް އަހަރުދުވަހުގެ ޖަލުގެ ހުކުމެއް އަންނާނެ އެވެ.
ރިޔާޒްގެ މައްސަލަ ކޯޓަށް ފޮނުވިއިރު އޭނާ ހައްޔަރު ކުރަން އުޅޭކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.
ރިޔާޒް އެންމެ ފުރަތަމަ ފުލުހަށް ހާޒިރުކުރީ ހަގީގަތާ ޚިލާފް ދޮގު ވާހަކަ ދައްކަވައިގެން ފިތުނަ އުފައްދަން އުޅުމުގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި އޭނާގެ ފޯނު ހިފަހައްޓަން ކޯޓުން އަމުރު ނެރުމުން، އެ އަމުރުގެ ދަށުން ފޯނު ހުޅުވަން ރިޔާޒަށް ފުލުހުން އެންގުމުން ފޯނު ހުޅުވައި ނުދިން ކަމަށް ބުނެ އިތުރު ތުހުމަތެއް ފުލުހުންކުރި އެވެ. ކޯޓަށް ފޮނުވީ އެ މައްސަލަ ކަމަށް ބެލެވެ އެވެ.
ރިޔާޒް ވިދާޅުވެފައިވާ ގޮތުގައި ފޯނު ހުޅުވައިދެއްވަން އޭނާ މަސައްކަތް ކުރެއްވިޔަސް އެކަން ކާމިޔާބު ނުވީ އެވެ.