ފަޅު ފުންކުރުމާއި ހިއްކުމުގެ މަޝްރޫއުތައް ގާނޫނާއި ގަވާއިދާ ހިލާފަށް ކުރިއަށް ގެންދާ ކަމަށް ބުނެ ގިނަ އަދަދެއްގެ ޝަކުވާ ލިބެމުންދާ ކަމަށް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން މިއަދު ބުނެފި އެވެ. 

އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެ އޮތޯރިޓީން ހުއްދަ ދީގެން ކުރިއަށް ގެންދާ ފަޅު ފުންކުރުމާއި ހިއްކުމުގެ މަޝްރޫއުތަކާ ގުޅިގެން ގިނަ އަދަދެއްގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. 

ނަމަވެސް، ލިބުނު ޝަކުވާގެ އަދަދެއް ނުބުނެ އެވެ. 

އެ އޮތޯރިޓީއަށް ލިބިފައިވާ ޝަކުވާތަކުގެ ތެރޭގައި ހިމެނެނީ؛

  • ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ފުރިހަމަ އަށް ނާޅައި ފަޅު ފުންކުރުމާއި ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުން.
  • ހިއްކުމުގެ މަސައްކަތުގެ ސަބަބުން، ފަޅުތެރޭގައި އުފެދޭ ސެޑިމެންޓޭޝަންގެ އަސަރު ކުޑަކުރުމަށް ހިއްކުމުގެ މަސައްކަތް ފެށުމުގެ ކުރިން ޖަހަންޖެހޭ ބަންޑްވޯލް އަދި ސިލްޓް ސްކްރީން ގާއިމްނުކުރުން.
  • ވެލި ނެގުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކުގެ ބޭރުން ވެލި ނެގުން.
  • މީހުން ދިރިއުޅޭ ރަށްރަށާއި ޓޫރިސްޓް ރިސޯޓްތަކާއި މާލެ ކައިރިން ވެލިނެގުން.
  • މޫސުން ގޯސްވުމުން މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވާ ދުވަސްވަރުގައި ވެސް މަސައްކަތް ކުރުން. 
ގިނަ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މި ސަރުކާރުން ހިއްކަމުން އަންނަ ރަސްމާލެ.-- ފޮޓޯ: އެމްއޭސީއެލް
ގިނަ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މި ސަރުކާރުން ހިއްކަމުން އަންނަ ރަސްމާލެ.-- ފޮޓޯ: އެމްއޭސީއެލް

އެފަދަ މަޝްރޫއުތަކަށް އެ އޮތޯރިޓީން ފާސްކޮށްފައިވާ އީއައިއޭ ރިޕޯޓުތަކުގައި، މަޝްރޫއުގެ ސަބަބުން ކުރިމަތިވާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ބަޔާންކޮށްފައިވާ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކުރަން އަންގާ ކަމަށް އީއާރުއޭގެ ބަޔާނުގައި ބުންޏެވެ.

ބަންޑްވޯލް އަދި ސިލްޓް ސްކްރީން ގާއިމްކުރުމާއި އަތޮޅުތެރެއިން ވެލިނަގާ ނަމަ މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކުގެ ހައުސް ރީފް އިން ފެށިގެން މަދުވެގެން 500 މީޓަރު ދުރުމިނެއް ބެހެއްޓުމާއި މި ކަހަލަ މަޝްރޫއަކަށް އެ އޮތޯރިޓީން ދޫކޮށްފައިވާ "ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ހުއްދަ"އިގައިވާ "އެޕްރޫވްޑް ބޮރޯ އޭރިއާ"ގެ އެތެރެއިން ވެލިނެގުމަށް އަންގާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

  • ހޮޕާ ޑްރެޖަރު ބޭނުންކުރުމުގައި އެކި ސަރަހައްދުތަކަށް ދަތުރުކުރުމުގެ ކުރިން އޯވަފްލޯ ކޮންޓްރޯލް ވޭލްވްސް (ގްރީން ވޭލްވްސް) ފުރިހަމައަށް ބަންދުކޮށްފައި ހުރިތޯ ޔަގީންކުރުން.
  • ފަރުތަކާއި ނާޒުކު ސަރަހައްދުތަކާ ދުރުން ކަނޑައެޅިފައިވާ ޑްރެޖަރު ރޫޓްތައް ބޭނުންކުރުން.
  • ދަތުރުކުރަމުންދާއިރު ޓަބިޑިޓީ މޮނިޓާކޮށް، ލެވެލް މަތި ނަމަ އޮޕަރޭޝަންތަކަށް ބަދަލު ގެނައުން.
  • މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވާ ދުވަސްވަރުގައި ވެލިނެގުމާއި ހިއްކުމުގެ މަސައްކަތް މަޑުޖައްސާލުން.
ގުޅިފަޅުން ހިއްކަން ކަނޑައެޅި ސަރަހައްދު އެއްކޮށް ހިއްކާ ނިންމާފައި.-- ފޮޓޯ: ހައުސިން މިނިސްޓްރީ
ގުޅިފަޅުން ހިއްކަން ކަނޑައެޅި ސަރަހައްދު އެއްކޮށް ހިއްކާ ނިންމާފައި.-- ފޮޓޯ: ހައުސިން މިނިސްޓްރީ

އީއާރުއޭ އިން ބުނީ ނޭޝަނަލް އޮޝެނިކް އެންޑް އެޓްމޮސްފިއަރިކް އެޑްމިނިސްޓްރޭޝަން (އެންއޯއޭއޭ)ގެ ކޮރަލް ރީފް ވޮޗްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުން ފެށިގެން ރާއްޖެ ހިމެނޭ ސަރަހައްދުގައި ގާ ހުދުވުމުގެ ފުރުސަތު އޮތުމާ އެކު، މިހާރު "އެލާޓް ލެވެލް: ވޮޗް" އަށް އަމަލުކުރަމުންދާ ކަމަށެވެ.

ކުރިއަށް އޮތް 12 ހަފުތާގެ ތެރޭގައި "އެލާޓް ލެވެލް 1" (ނުރައްކާތެރި ދަރަޖަ) އަށް ބަދަލުވުމުގެ ފުރުސަތު ބޮޑުވުމުން، އެއާ ގުޅިގެން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކަށް ހަރުދަނާ ގޮތެއްގައި އިތުރު ފިޔަވަޅުތައް އެޅުމަށް އެ އޮތޯރިޓީގެ ބަޔާނުގައި އެދިފައިވެ އެވެ. 

އީއާރުއޭ އިން ބުނި ގޮތުގައި، މިފަދަ ނާޒުކު ދުވަސްވަރެއްގައި، އެ އޮތޯރިޓީއަށް ހުށަހަޅާ މި ކަހަލަ ޝަކުވާތައް އަންނަނީ ހާއްސަ އިސްކަމެއްދީ ވަރަށް ގާތުން ބަލައި، އެ މަޝްރޫއުތައް މޮނިޓާކުރަމުންނެވެ. އަދި އެ އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަތަކާ ހިލާފަށް މަސައްކަތްކުރާ ފަރާތްތަކާ މެދުގައި ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ އެވެ. 

މާލެ ކައިރީގައި އާއި ރާއްޖޭގެ އެކި ހިސާބަތުގައި ވެސް މި ދުވަސްވަރު އަންނަނީ ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. މިކަމުގެ ސަބަބުން ފަޅުތަކާއި ފަރުތަކަށް ބޮޑެތި ގެއްލުންތައް ލިބެމުންދާތީ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ދުނިޔޭގެ ހޫނުމިން ރެކޯޑް މިންވަރަކަށް މަތިވުމަށް މެދުވެރިވާ މޫސުމީ ހާލަތު "އެލް ނީނޯ" މި އަހަރުގެ މެދުތެރޭގައި އަލުން ފެށޭނެ ކަމަށް އދ. އިން ވެސް ވަނީ އިންޒާރު ދީފަ އެވެ. "އެލް ނީނޯ"ގެ ސަަބަބުން ކަނޑުގެ ހޫނުމިން އިންތިހާއަށް މަތިވެ، ގާ ހުދުވުމުގެ ހާދިސާތައް އިތުރުވެ، ކަނޑުގެ ދިރުންތައް ބޮޑު ނުރައްކަލަކަށް ހުށަހެޅެ އެވެ.