ރާއްޖޭގައި ރަޝިއާ އެމްބަސީ މި އަހަރު ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީގެ އިންފޮމޭޝަން އެންޑް ޕްރެސް ޑިޕާޓްމަންޓްގެ ޑިރެކްޓަރު މާރިއާ ޒަކަރޯވާ ވިދާޅުވެއްޖެ އެވެ. 

ދެކުނު އޭޝިއާގެ ނޫސްވެރިންނާ އެކު، މާރިއާ ބޭއްވެވި ބައްދަލުވުމެއްގައި "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވި ގޮތުގައި ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން، ރަޝިއާގެ އެމްބަސީއެއް ރާއްޖޭގައި ގާއިމް ކުރަން ވަނީ ހަމަޖެހިފަ އެވެ.

އެކަމަށް ބޭނުންވާ އިދާރީ ކަންކަން ފުރިހަމަކުރުމަށްޓަކައި، ރަޝިއާގެ ޑިޕްލޮމޭޓުން މިހާރު ވެސް މާލޭގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް މާރިއާ ވިދާޅުވި އެވެ. 

"މިކަމަށްޓަކައި ވާން ޖެހޭ އެންމެހާ ތައްޔާރީތައް މި އަހަރުގެ މެއި މަހާއި ސެޕްޓެމްބަރު މަހާ ދެމެދު ނިންމާލެވޭނެ ކަމަށް އުންމީދު ކުރެވޭ. އަދި ރަޝިއާގެ މޮސްކޯގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓެއް ހުޅުވުމަކީ އަޅުގަނޑުމެން ނުހަނު ބޮޑަށް މަރުހަބާ ކިޔާނެ ކަމެއް،" މާރިއާ ވިދާޅުވި އެވެ. 

ރަޝިއާގެ ފޮރިން މިނިސްޓްރީގެ އިންފޮމޭޝަން އެންޑް ޕްރެސް ޑިޕާޓްމަންޓްގެ ޑިރެކްޓަރު މާރިއާ ޒަކަރޯވާ ދެކުނު އޭޝިއާގެ ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި "މިހާރު" އިން ސުވާލު ކުރަނީ --
ރަޝިއާގެ ފޮރިން މިނިސްޓްރީގެ އިންފޮމޭޝަން އެންޑް ޕްރެސް ޑިޕާޓްމަންޓްގެ ޑިރެކްޓަރު މާރިއާ ޒަކަރޯވާ ދެކުނު އޭޝިއާގެ ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި "މިހާރު" އިން ސުވާލު ކުރަނީ --

މި ވަގުތު ރާއްޖޭގެ އެމްބަސީއެއް ރަޝިއާގައި ނެތްއިރު އެ ގައުމަށް ކަނޑައަޅާފައިވާ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ހުންނަވަނީ ތުރުކީގައި ހުންނަވާ ސަފީރެވެ.

މާރިއާ ވިދާޅުވި ގޮތުގައި 2020 ވަނަ އަހަރު ރަޝިއާގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަން މަސައްކަތްތަކެއް ކުރި ނަމަވެސް، ބަޖެޓުގެ ދަތިކަމާ ހެދި އެ މަސައްކަތް އޭރު މަޑުޖައްސާލީ އެވެ. 

"ބައެއް މީހުންނަށް ހީވެފައި އޮންނަނީ ރާއްޖޭގައި މަސައްކަތް ކުރާ ޑިޕްލޮމޭޓުން ހަމައެކަނި އަތިރިމަތީގައި ހިތްފަސޭހަކޮށްލައިގެން ތިބެނީ ކަމަށް. ނަމަވެސް ހަގީގަތަކީ، ރާއްޖެއަށް ޒިޔާރަތްކުރާ ރަޝިއާގެ ފަތުރުވެރިންގެ އަދަދު ނުހަނު ގިނަވުމުގެ ސަބަބުން، އެ ބޭފުޅުން ކުރައްވަނީ ވަރަށް ބުރަ މަސައްކަތެއް. ރާއްޖެއަކީ "ސުވަރުގެއެއް" ފަދަ ރީތި މަންޒިލަކަށް ވުމުން، ބޭރުފުށުން ބަލާއިރު އެއީ ހަމައެކަނި އަރާމު ކޮށްލުމުގެ ފުރުސަތެއް ކަމަށް ހީވިޔަސް، އަމަލީ ގޮތުން އެ މަސައްކަތަކީ އިންތިހާ އަށް ބުރަ މަސައްކަތެއް،" މާރިއާ ވިދާޅުވި އެވެ. 

ރަޝިއާގެ ފޮރިން މިނިސްޓްރީގެ އިންފޮމޭޝަން އެންޑް ޕްރެސް ޑިޕާޓްމަންޓްގެ ޑިރެކްޓަރު މާރިއާ ޒަކަރޯވާ ދެކުނު އޭޝިއާގެ ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން --
ރަޝިއާގެ ފޮރިން މިނިސްޓްރީގެ އިންފޮމޭޝަން އެންޑް ޕްރެސް ޑިޕާޓްމަންޓްގެ ޑިރެކްޓަރު މާރިއާ ޒަކަރޯވާ ދެކުނު އޭޝިއާގެ ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން --

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދިނުމުގެ ސަބަބުން ފެށުނު ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ސަރަހައްދުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ވެސް މާރިއާ ވާހަކަ ދެއްކެވި އެވެ.

އޭނާ ވިދާޅުވީ ސަރަހައްދުގެ ގައުމުތަކުން އެ ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ވަރުގަދަ ކުރަން ކުރާ މަސައްކަތަކީ ރަޝިއާ އިން ނުހަނު އުފަލާއެކު ބަލައިގަންނަ ކަމެއް ކަމަށެވެ. 

ބައިނަލްއަގުވާމީ ގާނޫނީ އޮނިގަނޑުގެ ތެރެއިން، އދ. ގެ ޗާޓަރާ އެއްގޮތްވާ ގޮތުގެ މަތިން ގައުމީ ސިޔާދަތު ވަރުގަދަ ކުރުމަކީ ރަޝިއާ އިން އަބަދުވެސް ތާއީދުކުރާ ކަމެއް ކަމަށް މާރިއާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެއްވެސް ގައުމަކަށް އެހެން ގައުމެއްގެ ދާހިލީ ކަންކަމުގެ ތެރެއަށް އަތްބޭނުމުގެ ހައްގެއް ނޯންނާނެ،" ހުޅަނގުގެ ގައުމުތަކަށް ފާޑުވިދާޅުވަމުން މާރިއާ ވިދާޅުވި އެވެ.

"އަދި އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ނަމުގައި، ތިންވަނަ ގައުމަކުން އެހެން ގައުމެއްގެ އިގްތިސާދުގެ މައްޗަށް ބާރުފޯރުވައި، ނުފޫޒު ފޯރުވުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން."

އދ.ގެ އަސާސީ އުސޫލުތަކާ އެއްގޮތަށް ގައުމީ ސިޔާދަތު ކުރިއަރުވައި ވަރުގަދަކުރުމަކީ ހަމައެކަނި މަގްސަދެއް ނޫން ކަމާއި އެއީ ރަޝިއާ އިން އެހެން ގައުމުތަކާ ގުޅިގެން ހާސިލުކުރަން މަސައްކަތްކުރަންޖެހޭ ލަނޑުދަނޑިއެއް ކަމަށް މާރިއާ ވިދާޅުވި އެވެ.