ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހަޅަން އަންނަ ބުދަ ދުވަހު ފުރުސަތު ހުޅުވާލަން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދޭނެ އުސޫލު ގެޒެޓުގައި ޝާއިއުކޮށް، ނަން ހުށަހަޅަން އަންނަ ބުދަ ދުވަހުން ފެށިގެން އަންނަ މަހުގެ 11 ވަނަ ދުވަހާ ހަމައަށް ހުޅުވާލާނެ ކަމަށެވެ. އަދި އެކަމަށް ހުށަހެޅޭނީ ރައީސް އޮފީހުގެ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށް އެކަނި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. 

އެ އިނާމުގެ ގޮތުގައި ދޭނީ އައްޑަނައަކާއި ޝަރަފުގެ ބެޖަކާއި ހަނދާނީ ލިޔުމެކެވެ. 

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެނީ ދިވެހި ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް މަސައްކަތްކޮށްދިން މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލް ކަމާއި އިހުލާސްތެރިކަމާއެކު ކޮށްފައިވާ ހިދުމަތްތަކާއި އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމަށެވެ. 

ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާ ބޭފުޅުންނަށް، ސަރުކާރުން އިނާމު ދޭން ފެށީ 2021 ވަނަ އަހަރު އެވެ. އޭގެފަހުން މިހާތަނަށް 500 އަށްވުރެ ގިނަ ބޭފުޅުންނަށް އެ އިނާމު ވަނީ ދީފަ އެވެ.