މެސެންޖާއިން މީހަކާ ގުޅުން އުފައްދައިގެން އެ މީހާގެ އެކައުންޓުން ބައި ލައްކަ ރުފިޔާ މަކަރާއި ހީލަތުން ހޯދި މައްސަލައެއް ފެންމަތިވެއްޖެ އެވެ. 

އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ މ. އޮމެގާ، މޫސާ މުހައްމަދެވެ. އުމުރުން 38 އަހަރުގެ އެ މީހާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ ދެވަނަ ދުވަހު އެވެ. 

ފުލުހުން ބުނީ އެ މައްސަލާގައި އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ދީފައިވާ ކަމަށެވެ.

އޭނާ ވަނީ ވައިބާ އިން ފޮނުވި ލިންކެއް މެދުވެރިކޮށް ބޭންކު އެކައުންޓެއްގެ މައުލޫމާތުތައް ހޯދައި އެ ބޭނުންކޮށްގެން ބައި ލައްކަ ރުފިޔާ ފޭރިފަ އެވެ. 

ފުލުހުން ބުނި ގޮތުގައި މިދިޔަ މަހުގެ 24 ވަނަ ދުވަހު މޫސަ ވަނީ ފޭސްބުކް މެސެންޖާ މެދުވެރިކޮށް ވިކްޓިމްއާ ގުޅުން އުފައްދައިފަ އެވެ. އަދި ވައިބާ މެދުވެރިކޮށް އޭނާ، އެ މީހާއަށް ފޮނުވި ލިންކަކަށް ފިތާލުމުން ފޯނު ރީސެޓުވެ، އެ މީހާގެ ބޭންކް އެކައުންޓުން 50،000ރ. ކެނޑިފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން ބުނީ އެ ފައިސާ ޖަމާވެފައި ވަނީ މޫސަގެ ނަމުގައިވާ އެކައުންޓަކަށް ކަމަށެވެ. 

ފުލުހުން ބުނީ އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ވަނީ އެފަދަ ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން، ނުދަންނަ މީހުން ފޮނުވާ ލިންކުތަކަށް ނުފިތުމަށް އިލްތިމާސްކޮށްފަ އެވެ.