މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ނަހަމަ ގޮތުގައި ބޭނުންހިފާކަމުގެ ހެއްކެއް ނެތް ކަމަށް، އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ މައުލޫމާތު ހޯދުމުގެ ނަމުގައި އެ ގާނޫނު "އެބިއުސް" ކުރަމުން އަންނަ ކަމަށެވެ.
މިގޮތުން، ގިނަ އަދަދަކަށް އާރުޓީއައި ހުށަހެޅުމުން، އެ އާރުޓީއައިތަކަށް ޖަވާބު ދިނުމުގައި ދައުލަތުގެ އެކި އިދާރާތަކުން ވަރަށް ގިނަ ވަގުތު ހޭދަވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ވަރަށް ގިނަ ފަހަރަށް ފެނިގެން މިދަނީ މިހާރަކަށް އައިސް އަމުދުން، ގިނަ ފަހަރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އާރުޓީއައި ގާނޫނު ވަރަށް ބޮޑަށް އެބިއުސްކުރާތަން ވެސް އަޅުގަނޑަށް އެބަ ފެނޭ،" އުޝާމް ވިދާޅުވި އެވެ.
އުޝާމްގެ އެ ތުހުމަތުތަކަށް ރައްދު ދެއްވައި، އާހިދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާރުޓީއައި ގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި އެއްވެސް ފަރާތަކުން ހިފާކަމުގެ ހެއްކެއް ފެންނަން ނެތް ކަމަށެވެ.
ވަކިވަކި ހާލަތްތަކުގައި އުނދަގޫ ސުވާލުތައް ހުށަހެޅި ނަމަވެސް، އެއީ އާންމުކޮށް ހިނގާ ކަމެއް ނޫން.އޭގެ ބަދަލުގައި، މައުލޫމާތު ހޯދުމަށް އެދި ހުށަހެޅުމުން ދައުލަތުގެ އިދާރާތަކުން އެއްވެސް ޖަވާބެއް ނުދީ ހަނު ތިބޭ މައްސަލަ މާ ބޮޑަށް ވެސް އާންމު،" އޭނާ ވިދާޅުވި އެވެ.
އާހިދު ވިދާޅުވި ގޮތުގައި، އާރުޓީއައި ގާނޫނުގައި ބަޔާންކޮށްފައި އޮތަސް، ދައުލަތުގެ އިދާރާތަކުން އިސްވެ މައުލޫމާތު ހާމަކުރުމުގެ ޒިންމާ ފުރިހަމަ އަދައެއް ނުކުރެ އެވެ.