ބަލަމުންދާ މައްސަލައަކާ ގުޅިގެން، ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ދެ ޑިރެކްޓާ ޖެނެރަލުން ސަސްޕެންޑްކޮށްފި އެވެ.
މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކޮށްފައިވަނީ "މިހާރު" އަށް އެނގިފައިވާ ގޮތުގައި ޒަކަރިއްޔާ ހުސެއިން އަދި އަހުމަދު އަލީ އެވެ.
ޒަކަރިއްޔާއަކީ އެ އިދާރާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ފްރަންޓް އޮފީހުގެ އިސްވެރިޔާ އެވެ. އޭނާއަކީ މީގެކުރިން ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޕާމަނެންޓް ސެކެޓްރީ އަހުމަދު އަލީ އަކީ ޖުޑިޝަލް އެކަޑަމީގެ ޑިރެކްޓާ ޖެނެރަލެވެ.
އެ ދެ ބޭފުޅުން ވެސް ސަސްޕެންޑްކޮށްފައިވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް އަންގާފައިވީ ނަމަވެސް، އެއީ ކޮން މައްސަލައެއް ކަމެއް އެނގޭ ގޮތެއް ނުވި އެވެ.
ޑީޖޭއޭގެ އިސް ދެ ބޭފުޅަކު ސަސްޕެންޑްކޮށްފައިވާއިރު، އެ ތަނުގެ އެންމެ އިސްވެރިޔާގެ މަގާމު ކަމަށްވާ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓާ އަމުޖަދު މުސްތަފާ މި ފަހުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ދެއްވައި ފޮނުއްވި ސިޓީގައި އަމްޖަދު ސަބަބެއް ވިދާޅުވެފައެއް ނުވެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަމްޖަދު ޗީފް ޖުޑިޝަލް އެޑްމިނިސްޓާގެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.