ދީނީ ގޮތުން ހައްދުފަހަނައެޅުމުގެ ފިކުރު ރާއްޖޭގައި ފަތުރަން އުޅޭ މީހުންގެ އަދަދު މަދު ކަމަށާއި އެކަމަކު ރާއްޖޭން ބޭރުގައި އުޅޭ ދިވެހިންގެ ބަޔަކު މި މައްސަލަ ބޮޑުކޮށްގެން ގައުމު ބަދުނާމުކުރަމުން އަންނަ ކަމަށް ސަރުކާރުން އަނެއްކާވެސް ބުނެފި އެވެ.
ހައްދުފަހަނައެޅުމާއި ޓެރަރިޒަމާ ގުޅޭ ސަރުކާރުގެ ސިޔާސަތު އެކުލަވާލައި ރައީސް އަބްދުﷲ ޔާމީން ވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ. ރާއްޖެ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކަލުގެ ގޮތުގައި، އިއްޔެ އާއްމުކުރި މި ސިޔާސަތު ކަރުދާހުގައި، ފާހަގަކޮށްފައި ވަނީ މި ދެ މައްސަލަ އެވެ.
އެކަމަކު، އެއާ ވިދިގެން ބުނެފައި ވަނީ "މަދު ބަޔަކު" ރާއްޖޭގައި ހައްދުފަހަނައެޅުމާއި ޓެރަރިޒަމްގެ ވިސްނުން ފަތުރަން މަސައްކަތް ކުރާ ކަމަށެވެ. އަދި ބޭރު ގައުމުތަކުގައި ހިނގާ ހަމަނުޖެހުންތަކާއި ހަނގުރާމަތަކުގައި ބައިވެރިވާން ދަނީ ވެސް، މި ކަރުދާހުގައި ބުނި ގޮތުގައި، "މަދު އަދަދެއްގެ" ބައެކެވެ.
ނަމަވެސް ސަރުކާރުން ބުނީ ހައްދުފަހަނައެޅުމާއި ޓެރަރިޒަމް ރާއްޖޭގައި އޮތް މިންވަރު އޮޅުވާލައި މި މައްސަލަ އޮތް ވަރަށް ވުރެ ބޮޑުކޮށްގެން ބޭރު ދުނިޔެ އަށް ދައްކަމުން އަންނަ ކަމަށެވެ.
އެކަން ކުރަނީ، ސަރުކާރުން ތުހުމަތު ކުރި ގޮތުގައި، ގައުމީ މަސްލަހަތުތަކަށް ބެލުމެއް ނެތި ބޭރު ގައުމުތަކުން ރާއްޖެ އަށް ފިޔަވަޅު އަޅަން ގޮވާލަމުންދާ، ރާއްޖޭން ބޭރުގައި އުޅޭ "މަދު އަދަދެއްގެ" ދިވެހިންނެވެ. ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށް ޓީވީތަކާއި ރޭޑިއޯތަކާއި ނޫސްތަކުގައި ރާއްޖެ ބަދުނާމުކުރުމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އަސަރު ކުރާކަން ސަރުކާރުން ފާހަގަކުރި އެވެ.
"... އެކަމުގެ ގެއްލުން ލިބެނީ ހަމަ ދިވެހި ރައްޔިތުންނަށެވެ،" އިނގިރޭސި ބަހުން އޮތް ކަރުދާހުގައިވެ އެވެ.
ދީނީ ގޮތުން ހައްދުފަހަނައެޅުމަކީ ރާއްޖޭން ބޭރުގައި ތިއްބެވި އިދިކޮޅު ސިޔާސީ ފަރާތްތަކުން ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔާ އެއް ސަބަބެވެ. އެ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ސަރުކާރުން ދަނީ މި މައްސަލަ ރާއްޖޭގައި އޮތް ވަރު އޮޅުވާލަމުންނެވެ. ބޭރު ގައުމުތަކަށް ހަނގުރާމަ އަށް ދިޔަ ދިވެހިންގެ އަދަދު މަދު ކަމަށް ސަރުކާރުން ބުންޏަސް، 300 އާ ގާތްކުރާ އަދަދެއްގެ ދިވެހިން ހަނގުރާމަތަކުގައި ބައިވެރިވަމުން އަންނަ ކަމަށް އިދިކޮޅު މީހުން ބުނެ އެވެ.
ސީރިއާ ފަދަ ގައުމުތަކުގައި ކުރާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވާން ދާ ދިވެހިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިދިޔަ ހަފުތާގައި ވެސް ދިވެހި އާއިލާއެއް ސީރިއާ އަށް ވަނީ ގޮސްފަ އެވެ.
މި ކަންކަމާ ދެކޮޅަށް މި ފަހުން ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ. މި ކަރުދާސް މަޖިލީހަށް ހުށަހެޅުމުގެ އިތުުރުން، ކައުންޓަ ޓެރަރިޒަމް ސެންޓަރެއް ހަދައި ދީނީ ގޮތުން ހައްދުފަހަނައެޅުމާއި ޓެރަރިޒަމް ރާއްޖޭގައި ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ދިރާސާއެއް ހަދަން ވަނީ ފަށާފަ އެވެ.