ހަކުރު ބަލީގެ މީހުން ބޭނުންކުރާ އިންސިއުލިން ރާއްޖޭގައި އެބަހުރި ކަމަށް، ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ރާއްޖެއިން އިންސިއުލިން ނުލިބޭކަމުގެ ކަންބޮޑުވުންތައް ސޯޝަލް މީޑީއާގައި ބޮޑުވެފައި ވަނިކޮށް، ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ އެސްޓީއޯގެ ބޭސް ފިހާރަތަކުގައި އިންސިއުލިން އެބަހުރި ކަމަށެވެ. އެކަމަކު، ވަކި ބްރޭންޑެއް ނުލިބިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންސިއުލިންގެ ސްޓޮކް އެބަހުރި. ނަމަވެސް، އެ މީހަކު ބޭނުންވެގެން އުޅޭ ވަކި ބްރޭންޑެއް މި ވަގުތު ހުސްވެފައި ހުރެދާނެ." އޮފިޝަލް ވިދާޅުވި އެވެ.
އިންސިއުލިން އަކީ ލޭގައި ހަކުރު ހުންނަ މިންވަރު ބަލަން ބޭނުންކުރާ އެއްޗެކެވެ. އޭގައި ވެސް އެކި މީހުންނަށް ރަނގަޅަށް މަސައްކަތްކުރަނީ އެކި ބްރޭންޑުތައް ކަމަށްވެ އެވެ.
އިންސިއުލިން ހޯދަން އުނދަގޫވެގެން ސޯޝަލް މީޑިއާގައި ޝަކުވާ ކުރާއިރު، ރާއްޖެއިން ޑޮކްޓަރީ ބޭސް ހޯދުމުގައި ވެސް މިހާރު ބޮޑު ތަކުލީފެއް އުފުލަންޖެހެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވީ ސިއްހީ ދާއިރާއަށް ކުރާ ބޮޑު ހޭދައިގެ 60 ޕަސެންޓު ދަނީ ފާމަސީތަކަށް ކަމަށެވެ. ނަމަވެސް، އާސަންދަ ސްކީމްގެ ތެރެއިން ވެސް ބޭސް ނުލިބޭ މައްސަލަ ވަރަށް ބޮޑުވެ، އާއްމުންގެ ޝަކުވާތައް ވަރަށް ގިނައިން ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒީނިޔާ ވިދާޅުވި ގޮތުގައި އާސަންދައިން އަމަލުކުރަނީ އެމްއެފްޑީއޭގެ އެޕްވްރޫވްޑް ޑްރަގް ލިސްޓު (އޭޑީއެލް) އަށެވެ. އެ ލިސްޓުގައި ހިމެނި އަދި ކަވަރޭޖު ލިބޭ ބޭސްތަކަށް ޖީބުން ހަރަދު ނުކޮށް ބޭސް ލިބުނަސް ބޭސް ފިހާރައެއް ރަޖިސްޓްރީކުރާއިރު ވެސް އެޕްވްރޫޑް ޑްރަގް ލިސްޓު ރަނގަޅަށް ބަލާފައި ނުހުންނަކަން ފާހަގަކުރެއްވި އެވެ.