މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ހަމަވާއިރު މިހާތަނަށް ޑްރާފްޓް އެޕްލިކޭޝަންތަކާ އެކު 37،000 ފޯމު އެބަ އޮތް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ މިހާތަނަށް ބޯހިޔާވަހިކަމަށް އެދި ހުށަހެޅީ 20،000 ފޯމު ކަމަށެވެ. އަދި އެކަމަށް އެދި ހުށަހެޅުމުގެ މަރުހަލާގައި 17،000 ފޯމު ހިމެނޭ ކަމަށް ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ އެ ނަމްބަރުތަކުން ދައްކުވައިދެނީ ބޯހިޔާވަހިކަމުގެ ދަތިކަން ނުވަތަ ބޯހިޔާވަހިކަމަށް މީހުން ބޭނުންވެފައިވާ މިންވަރު ކަމަށެވެ. އަދި މިފަހަރުގެ ޕްރޮގްރާމުގައި ބޯހިޔާވަހިކަމަށް އެދެވެނީ ދެމަފިރިންގެ ތެރެއިން އެއްވެސް މީހެއްގެ ބޯހިޔާވަހިކަމެއް ނެތް ގޮތަށް އޮތުމުން ކަމަށާއި އެހެންވެ، ކޮންޓްރޯލްކޮށްގެން ކުރިއަށް ގެންދާއިރު ވެސް އެހާ ބައިވަރު އެޕްލިކޭޝަން ހުށަހެޅުމަކީ ބޯހިޔާވަހިކަމަށް މީހުން ބޭނުންޖެހިފައިވާ މިންވަރު ކަމަށް ވިދާޅުވި އެވެ.
"މި ނަމްބަރުން ދައްކުވައިދެނީ ބޯހިޔާވަހިކަމުގެ ދަތިކަން ނުވަތަ ބޯހިޔާވަހިކަން ބޭނުންވެފައި ތިބި މީހުންގެ އަދަދު. މިފަހަރުގެ ޕްރޮގްރާމުގައި މި ލިބެނީ ދެމަފިރިންގެ ތެރެއިން އެއްވެސް ފަރާތެއްގެ ބޯހިޔާވަހިކަމެއް ނޫނީ ބިމެއް ނެތް ކަމަށްވާ ނަމަ،" މުއްތަލިބު ވިދާޅުވި އެވެ.
"އެގޮތަށް ކޮންޓްރޯލްކޮށްގެން ކުރިއަށްށް ގެންދާއިރު ވެސް މިހާ ބައިވަރު އެޕްލިކޭޝަންތައް ލިބުން ދޭހަކޮށްދެނީ އެކަމަށް ބޭނުންވެފައިވާ ފަރާތްތައް ގިނަކަން،"
"އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރާނެ އެވެ.
މިދިޔަ ޖެނުއަރީ މަހުގެ 18 ގައި ހުޅުވާލި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި ގޯތިތައް ދޫކުރާނީ ރަސްމާލެއިންނެވެ.
ފްލެޓް ދޭން ސަރުކާރުން ކަނޑައަޅާފައި ވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓާއި މާލޭގައި ރަށްވެހިވެފައި ނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ފްލެޓުގެ އިތުރުން ހާއްސަ ކެޓަގަރީތަކަށް ކަނޑައަޅާފައިވާ 2،400 ފްލެޓެވެ.
މުއްތަލިބު ވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް 2008 އިން ފެށިގެން އެކި ސަރުކާރުތަކުން މަސައްކަތްކުރަމުން އައި ކަމަށް ވިދާޅުވެ އެކަން ހައްލުކުރުމުގެ ގޮތުން ހިންގި މަޝްރޫއުތަކުގެ އަދަދުތައް ވެސް އާންމުކުރައްވައިފަ އެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަދަދުތައް:
- ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޗައިނާގެ އެގްޒިމް ބޭންކުގެ އެހީގައި 1000 ފްލެޓު އަދި ޓާޓާއިން މާލޭގައި އިމާރާތްކުރި ފްލެޓުތަކާއި ކޮރަލްވިލް އިން އެޅި 180 ފްލެޓާ އެކު 1500 ފްލެޓު އެޅި.
- ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވިއިރު 10،000 އަށް ވުރެ ގިނަ ފްލެޓު އެޅި ކަމަށް މުއްތަލިބު ވިދާޅުވި. އެއީ ހުޅުމާލޭގެ 407 ފްލެޓު (ޕިންކް ފްލެޓު) އާއި ހިޔާ މަޝްރޫއުގެ 7000 ފްލެ`ޓާއި ވިނަރެސްގެ 1344 ފްލެޓާއި އެސްއޯއީތަކުން އެޅި 1000 އަށް ވުރެ ގިނަ ފްލެޓު. އެއީ ދައުރެއްގެ ތެރޭގައި އެންމެ ގިނަ ފްލެޓު އެޅުނު ފަހަރު ކަމަށް މުއްތަލިބު ވިދާޅުވޭ.
- މިދިޔަ ސަރުކާރުގެ 4000 ފްލެޓް.
- މި ސަރުކާރުން މާލޭ ސަރަހައްދުގައި 3،260 ފްލެޓުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި. އަދި ބޭންކް އޮފް މޯލްޑިވްސް އިން 540 ހައުސިން ޔުނިޓަށް ފަންޑުކުރުމާއި އިންޓަރެސްޓް ފްރީ ލޯނެއްގެ ތެރެއިން 500 ޔުނިޓް އެޅުމާއި ސައުދީ ފަންޑުގެ އެހީގައި 400 ފްލެޓު އެޅުމާއި އިންޑިއާގެ އެލްއޯސީގެ ދަށުން ގުޅިފަޅުގައި 4000 ހައުސިން ޔުނިޓް އެޅުމަށް ކުރަންޖެހޭ ކަންކަން ވަނީ ފައިނަލްވެފައި ކަމަށް ވިދާޅުވި.
މުއްތަލިބު ވިދާޅުވީ އެ މަޝްރޫއުތައް ބޭނުންވާ އަވަސް ސްޕީޑުގައި ކުރިއަށް ނުދިޔަ ނަމަވެސް އެ ހުރިހާ މަޝްރޫއުތަކަކީ ވެސް ފައިސާ ހަމަޖެހިގައިވާ މަޝްރޫއުތަކެއް ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އޮތީ ދައުލަތުގެ ދަރަނިތައް ގިނަވެ، ބޭރު ގައުމުތަކުން ލޯނާއި ފައިސާ ހޯދުމަށް ދަތިވެފައި ކަމަށާއި އެހެންވެ، މި ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަނީ އިނޮވޭޓިވް މޮޑެލްތަކެއް ހޯދައިގެން ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ހިލޭ ބިންދީގެންނާއި އިންސެންޓިވްސްތައް ދީގެން ކޮންޓްރޯލް އަގެއްގައި ބޯހިޔާވަހިކަން ގަނެވޭ ގޮތަށް ހިންގާ މަޝްރޫއުއަކަށް ހުޅުވާލުމުން ދިވެހި ކުންފުނިތަކަކުން ވަނީ ކުރިމަތިލައިފަ އެވެ. ދެހާސް ފްލެޓު އެޅުމަށް ހުޅުވާލި އެ މަޝްރޫއުއާ އެކު ކުރިއަށްދިއުމާ މެދު އިކޮނޮމިކް ކައުންސިލަށް ހުށަހަޅުއްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އިތުރު 1000 ފްލެޓު އެޅުމަށް މަޝްވަރާތަކެއް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.