"އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމަށް ފަހު ފޯމަށް އެއްވެސް ބަދަލެއް ގެނެވޭނީ ޝަކުވާ ހުށަހަޅައިގެން ކަމަށާއި ފޯމު ހުށަހެޅުމަށް ފަހު އެއަށް ބަދަލު ނުގެނެވޭ ގޮތަށް ހަދާފައިވަނީ އޮޅުވާލައިގެން ގިނަ ޕޮއިންޓް ހޯދުމަށް މަސައްކަތްކޮށްފައިނެތީ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ނޫސްވެރިންނާ ބައްދަލުކުރައްވާ މުއްތަލިބު އެހެން ވިދާޅުވީ ފްލެޓަށް ހުށަހެޅުމަށް ފަހު ބަދަލެއް ގެންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮތީ އުނދަގޫ ގޮތަކަށް ކަމަށް ބުނެ ނޫސްވެރިއަކު ސުވާލުކުރުމުންނެވެ.
ޖަވާބުގައި މުއްތަލިބު ވިދާޅުވީ އެ ޝަކުވާ މިނިސްޓްރީއަށް ވެސް ލިބޭ ކަމަށެވެ. އެކަމަކު ކޮންމެ ފޯމެއް ސަބްމިޓްކުރުމަށް ފަހު ޑިލީޓްކުރަން ފުރުސަތު ނުދެނީ ފްލެޓު ފޯމު ފަރުމާކޮށްފައި ވަނީ ފޯމު ސަބްމިޓްކުރުމުން އެމީހަކަށް ލިބޭ ޕޮއިންޓް އެނގޭ ގޮތަށް އޮންނާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކޮންމެ ފޯމެއް ސަބްމިޓްކޮށްފައި ޑިލީޓްކޮށްފައި މި ފުރުސަތު ނުދޭ ސަބަބަކީ މި ފޯމު ފަރުމާކުރެވިފައި މިވަނީ އެ ފޯމު ސަބްމިޓްކުރީމަ އެމީހާއަށް ލިބޭ ޕޮއިންޓް ވެސް އެނގޭ ގޮތަށް. އެހެންވެ އަޅުގަނޑު ފެށުނީއްސުރެ މި ދަންނަވަނީ ސައްހަ މައުލޫމާތު އެކަށީގެންވާ ގޮތަށް ބަލާފައި ފުރާށޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ފޯމަށް ބަދަލު ގެންނަން ފުރުސަތުދީފި ނަމަ، އެންމެ ގިނައިން މާކްސް ލިބޭ ގޮތެއް ބަލައި އެގޮތަށް ބަދަލުކުރަން މީހުން މަސައްކަތްކުރުން ފަދަ މައްސަލަތައް ކުރިމަތިވެދާނެ ކަމަށެވެ.
"އަޅުގަނޑުމެން، ހުރިހާ ތަނެއް ބަދަލުކުރަން ފުރުސަތު ދީފި ނަމަ އެ ޕޮއިންޓްތަކަށް ބަދަލު އަންނަ ގޮތަށް އެންމެ ގިނައިން މާކްސް ލިބޭ ގޮތަކަށް ހަދާފައި ފަހުން އޭގެ އެކި މައްސަލަތަކާ ކުރިމަތިވާނެ،"
"އެހެންވީމަ ހަގީގަތުގައި އެ މެނިޕިއުލޭޓްކުރުމަށް ފުރުސަތު ކުޑަކުރުމަށް އެއަށް ބަދަލު ގެނެއުމުގެ ފުރުސަތު އަޅުގަނޑުމެން ނުދެނީ،"
އެކަމަކު މިނިސްޓަރު ވިދާޅުވީ ފޯމަށް ބަދަލު ގެންނަން ބޭނުން ނަމަ އެ ފުރުސަތު އެހާ އުނދަގޫ ނުވާނެ ކަމަށެވެ. ޕޯޓަލް މެދުވެރިކޮށް އެ ގެންނަން ބޭނުންވާ ބަދަލަކާ ގުޅޭ ޝަކުވާ ހުށަހެޅުމުން، އެއީ ރަނގަޅުކުރަންޖެހޭ ކަމެއްތޯ މިނިސްޓްރީން ބެލުމަށް ފަހު އެ ފުރުސަތު ދޭނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
"ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ. ހުށަހެޅީމަ، މަދު ދުވަސްތަކެއްގެ ތެރޭގައި، އަޅުގަނޑުމެން އެއީ ރަނގަޅުކުރަންޖެހޭ ކަމެއްތޯ ބަލާފައި އެ ފުރުސަތު ދެވިގެންދާނެ. މިހާތަނަށް ވެސް ވަރަށް ގިނަ ފަރާތްތަކަށް އެ ފުރުސަތު ދެވިފައި ހުންނާނެ،" މުއްތަލިބު ވިދާޅުވި އެވެ.
ބޯހިޔާވަހިކަމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވަނީ މިމަހުގެ 31 ގަ އެވެ.
މިނިސްޓަރު އާންމުކުރެއްވި ތަފާސްހިސާބުތަކުގައިވާ ގޮތުން މިހާތަނަށް ފްލެޓާއި ގޯއްޗަށް އެދި ގިނަ ބަޔަކު ހުށަހަޅާފައިވެ އެވެ. ޕޯޓަލްގައި ހިމެނޭ ޑްރާފްޓް އެޕްލިކޭޝަންތަކާ އެކު އެ އަދަދު 37000 އަށް އަރާ ކަމަށް މިނިސްޓަރު ވިދާޅުވެ އެވެ.
މީގެ ކުރިން ހިންގި އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު، "ހިޔާ" ގައި ފްލެޓަށް އެދި ކުރިމަތިލީ ގާތްގަނޑަކަށް 23،000 އެއްހާ މީހުންނެވެ. އަދި މިދިޔަ ސަރުކާރުގެ 4000 ފްލެޓަށް ވެސް ކުރިމަތިލީ 20،000 އެއްހާ މީހުންނެވެ.
"އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރާނެ އެވެ.