މާލޭ ސަރަހައްދުގައި ހައުސިން މަޝްރޫއު ހިންގަން މި ވަގުތަށް މިނިސްޓްރީއަށް ބިން ލިބިފައި ވަނީ 10،700 ފްލެޓު އެޅޭ ވަރަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން މާލޭ ސަރަހައްދުގައި 3،260 ފްލެޓުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އިން 540 ހައުސިން ޔުނިޓަށް ފަންޑުކުރުމާއި އިންޓަރެސްޓް ފްރީ ލޯނެއްގެ ތެރެއިން 500 ޔުނިޓް އެޅުމުގެ އިތުރުން ސައުދީ ފަންޑުގެ އެހީގައި 400 ފްލެޓު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި އިންޑިއާގެ އެލްއޯސީގެ ދަށުން ގުޅިފަޅުގައި 4،000 ހައުސިން ޔުނިޓް އެޅުމަށް ކުރަންޖެހޭ ކަންކަން ވެސް މިހާރު ވަނީ ފައިނަލްކޮށްފަ އެވެ. 

އެ ހުރިހާ މަޝްރޫއުތަކަކީ ވެސް ފައިސާ ހަމަޖެހިފައިވާ މަޝްރޫއުތަކެއް ކަމަށް މުއްތަލިބު ވިދާޅުވި އެވެ. 

މުއްތަލިބު ވިދާޅުވީ ހިލޭ ބިން ދީގެންނާއި އިންސެންޓިވްސްތައް ދީގެން ކޮންޓްރޯލް އަގެއްގައި ބޯހިޔާވަހިކަން ގަނެވޭ ގޮތަށް މަޝްރޫއުއެއް ހިންގުމަށް ވެސް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން 2،000 ފްލެޓު އެޅުމަށް ނިންމާފައިވާއިރު އެކަމަށް ހުޅުވާލުމުން ދިވެހި ކުންފުނިތަކުން ވެސް ކުރިމަތިލާފައިވާ ކަމަށް ވިދާޅުވި އެވެ. 

އެހެންވެ، އެ މަޝްރޫއުގައި ސޮއިކޮށްގެން ކުރިއަށް ގެންދިއުމާ މެދު އިކޮނޮމިކް ކައުންސިލަށް ހުށަހަޅުއްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ އިތުރުން ވެސް 1،000 ފްލެޓު އެޅުމުގެ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. 

ހައުސިން މިނިސްޓަރު: ފްލެޓު މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ވިދާޅުވި.
ހައުސިން މިނިސްޓަރު: ފްލެޓު މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ވިދާޅުވި.

މި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތައް އެއްކޮށްލުމުން އެ އަދަދު 10،700 އަށް އަރަ އެވެ. އަދި ކުރިން މިނިސްޓަރު ވަނީ މާލޭ ސަރަހައްދުގައި ބިން ހުރި ގޮތުން އިމާރާތްކުރެވެން އަންނަނީ 12،000 ހައުސިން ޔުނިޓްކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ހުޅުމާލޭ 3 އަކީ އެއާޕޯޓަށް ފްލައިޓު ޖައްސަން އަންނަ ރޫޓާ ދިމާވާ ތަނަކަށް ވާތީ އެތަނުގައި އިމާރާތް އުސްކުރެވޭ މިންވަރަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެ އެވެ. 

ކުރިން އެތަނުގައި އިމާރާތްކުރާ ފްލެޓުތައް 17 ބުރިއަށް އުސްކުރެވޭނެ ކަމަށް ބެލެވުނަސް ފަހުން ސިވިލް އޭވިއޭޝަނުން އަންގާފައި ވަނީ އެ ފްލެޓަށް އުސްކުރެވޭނީ 14 ބުރިއަށް ކަމަށެވެ. 

"އަޅުގަނޑު ދަންނަވާފައިވާނެ މާލޭ ސަރަހައްދުގައި ބިން ހުރި ގޮތުން އިމާރާތްކުރެވެން އަންނަނީ މިހާރު ހުރި ބިންތަކުހައި 12،000 ހައުސިން ޔުނިޓޭ. އެހެންނަމަވެސް ފޭސް ތިނެއްގެ އެއީ އެއާޕޯޓު ފްލައިޓު ޖައްސަން އަންނަ ތަނަކަށްވެފައި އެތަނުން ނެގޭ އުސްމިންތައް ތަފާތުވޭ. އެއީ ކުރިން 17 ބުރިއަށް ނެގޭނެ ކަމަށް ބެލި ތަންތަނުން ސިވިލް އޭވިއޭޝަނުން އެބަވޭ އަންގާފައި 14 ބުރިއަށް ނެގިދާނެކަމަށް،" 

އެހެންވެ، 10،700 ޔުނިޓަށް ވުރެ އިތުރަށް އިމާރާތްކުރެވޭނެ ބިން މިވަގުތު މިނިސްޓްރީއަށް ލިބިފައި ނެތް ކަމަށް ވިދާޅުވި އެވެ. 

"އެހެންވެ އަޅުގަނޑުމެންނަށް ހަގީގަތުގައި 10700 ޔުނިޓަށް ވުރެ އިތުރަށް އިމާރާތްކުރަން މިނިސްޓަރަީއަކަށް ބިމެއް ލިބިފައެއް ނެތް،"

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ނޫސްވެރިންނާ ބައްދަލުކުރައްވަނީ.--
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ނޫސްވެރިންނާ ބައްދަލުކުރައްވަނީ.--

މުއްތަލިބު ވިދާޅުވި ގޮތުގައި އެޗްޑީސީއާ މަޝްވަރާކޮށްގެންނާއި މާލޭގައި ހުރި ބިންތަކުން ވެސް ހައުސިން އެޅުމަށް ނެގޭނެ ބިންތައް ބަލައި އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ. 

"އެހެންނަމަވެސް މިނިސްޓްރީން މަސައްކަތް ކުރަމުން އެބަ އަންނަން އެޗްޑީސީއާ ވާހަކަ ދައްކައިގެން އިތުރު ބިންތަކެއް ލިބޭތޯ. އެއާ އެކު މާލޭ ސަރަހައްދުގައި މާލޭގައި ވެސް ހުރި ބިންތަކުން ވެސް ހައުސިން އެޅުމަށް ނެގޭނީ ކޮން ބިންތަކެއްތޯ ބަލައިގެން އެބަ މަސައްކަތްކުރަން." މުއްތަލިބު ވިދާޅުވި އެވެ. 

އެ ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބު ވަނީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާފައިވާ ތަފާސްހިސާބުތައް ވެސް އާންމުކުރައްވައިފަ އެވެ. މިހާތަނަށް ޑްރާފްޓް އެޕްލިކޭޝަންތަކާ އެކު 37،000 ފޯމު ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ. 

އެ މަޝްރޫއުއަށް ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ މިމަހުގެ ނިޔަލެވެ.