ވަކި ލީޑަރަކާ ނުލައި މުއައްސަސާއެއް ނުހިނގާނެ ކަމަށް މީހުން ބުނާ ބުނުމަކީ، އުފާކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި ހަގީގީ ލީޑަޝިޕަކީ އެހެން މީހުން ބައިވެރިކުރުވުން ކަމަށް ކުރީގެ ފަސްޓްލޭޑީ ފަޒުނާ އަހުމަދު ވިދާޅުވެއްޖެ އެވެ. 

ފަޒުނާ މިހެން ވިދާޅުވީ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ދެއްކެވި ވާހަކަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރެއްވުމުގެ ގޮތުންނެވެ. ޝިފާޒު ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީ މިހާރު އޮތީ މަރުވެފަ އެވެ. އަދި އެ ޕާޓީ ހިންގާލެވޭނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެކަން ހަވާލުކޮށްގެންނެވެ. 

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ފޯރިގަަވެފައިވާ ދަނޑިވަޅުގައި ފަޒުނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ސިޔާސީ ޕާޓީއެއް ކަމުގައި ވިޔަސް، ސުކޫލެއް ކަމުގައި ވިޔަސް، ނުވަތަ އާއިލާއެއް ކަމުގައި ވިޔަސް، ހަގީގީ ލީޑަޝިޕަކީ އެހެން މީހުން ބާރުވެރިކުރުން ކަމަށާއި އެއީ އެހެން މީހުން ތިމާއަށް ބަރޯސާވާގޮތް ހެދުން ނޫން ކަމަށެވެ.

"...އެހެންކަމުން، ވަކި ލީޑަރަކާ ނުލައި މުއައްސަސާއެއް ނުހިނގާނެ ކަމަށް މީހުން ބުނާ ބުނުމަކީ، އަޅުގަނޑު ދެކޭގޮތުގައި އުފާކުރަންޖެހޭ ކަމެއް ނޫން،" ފަޒުނާ ވިދާޅުވި އެވެ. 

މިސާލަކަށް، އޭނާއާ ނުލައި އޭނާގެ ދަރިންނަށް ދިރިއުޅުން ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ކުދިންނަށް އިހުސާސް ކުރެވޭނަމަ، ނުވަތަ ޕްރިންސިޕަލަކު ވަކިވުމުން ސުކޫލެއްގެ ހިންގުން ހުއްޓުމަކަށް އަންނަ ނަމަ، އެއީ އެހެން މީހުންގެ ކިބައިގައި އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި ލީޑަޝިޕްގެ ސިފަތައް އަށަގަންނުވައިދިނުމުގައި އޭނާ ފެއިލްވުން ކަމަށް ފަޒުނާ ވިދާޅުވި އެވެ. 

ފަޒުނާ ވިދާޅުވި ގޮތުގައި ކަރިޒްމެޓިކް ލީޑަރުންގެ ފަރާތުން ފެންނަ އެންމެ ބޮޑު އެއް ބަލިކަށިކަމަކީ، އެ މުއައްސަސާއެއް މުޅިން އެންމެ މީހަކަށް ބަރޯސާވާގޮތް ހެދުމެވެ. އެ ލީޑަރުގެ ޝަހުސިއްޔަތުގެ ސަބަބުން ކަންކަމަށް ހަލުވިކަމެއް ގެނެސްދީފާނެ ކަމަށާއި ނަމަވެސް، މުއައްސަސާއެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނީ ވަރުގަދަ އުސޫލުތަކެއްގެ މައްޗަށް ބިނާވެގެން ކަމަށް ވިދާޅުވި އެވެ. 

ޗެއާޕާސަންގެ އިންތިހާބުގައި ފަޒުނާ ތާއިދުކުރައްވަނީ އާއިލީ ގޮތުން ގުޅުން އޮންނަ ނަޝީދާ ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމަށެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގާތް ބޭފުޅުންނާއި އެ މަނިކުފާނު ޓީމު ވެސް އޮތީ މީކާއިލްގެ ފަހަތުގަ އެވެ. 

ނަޝީދަށް ސަޕޯޓްކުރާ ފަރާތްތަކާއި މީކާއިލްއަށް ސަޕޯޓްކުރާ ފަރާތްތަކާ އެކު، ބަހުގެ ހޫނު ހަމަލާތައް ރައްދު ކުރަމުންދާއިރު، އެ އިންތިހާބު ބާއްވަން ހަމަޖައްސާފައިވަނީ އަންނަ މަހު އެވެ.