އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އީސީގެ މެމްބަރުކަމުގެ މަގާމެއް ހުސްވީ އެ ކޮމިޝަންގެ ރައީސަކަށް ހުންނެވި މުހައްމަދު ޒާހިދު މި މަހުގެ ފުރަތަމަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. ނަމަވެސް، އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ސާފެއްނުވެ އެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އިންތިހާބުތަކާއި ސިޔާސީ ޕާޓީތައް ބަލަހައްޓާ އެ ކޮމިޝަންގެ މެމްބަރު ކަމަށް އަންނަ މަހުގެ ތިން ވަނަ ދުވަހުގެ 12:00 އާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ.
އެ ކޮމިޝަންގެ މެމްބަރަކަށް ޒާހިދު އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އަދި ކޮމިޝަންގެ ރައީސް ކަމަށް އޭނާ އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އެވެ.
އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް ފަހުން ގެނައި އިސްލާހުގެ ދަށުން އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު ދީފައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު، ރައީސަށެވެ.
ޒާހިދަކީ މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެ ކޮމިޝަނުން ވަކިކުރީ ކުރީގެ މަޖިލީހުގައި އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކުރުމުންނެވެ.