ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު މާދަމާ ނިމޭގޮތަށް ގަވާއިދުގައި ބަޔާންކޮށްފައި ވިޔަސް މި މަހުގެ ނިޔަލަށް ދައުރު ދަންމާލަން ނިންމައިފި އެވެ.
މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު މޭ 31 އާ ހަމައަށް ދަންމާލަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވީ، މިއަދުގެ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވި ގޮތުގައި މި ދައުރުގައި ނިންމަން މުހިއްމު ގިނަ މަސައްކަތްތަކެއް ހުރުމުންނެވެ.
އަބްދުއްރަހީމްގެ އެ ހުށަހެޅުން ފާސްކޮށް، މަޖިލީހުގެ ދައުރު ދަންމާލަން ނިންމީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ ތެރެއިން 58 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ދައުރު ދަންމާލަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
މަޖިލީހުގައި މިހާރު ހުރި މަސައްކަތްތަކުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ސައިބާ ސެކިއުރިޓީ ބިލާއި ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލާއި ވަތަނީ ހިދުމަތުގެ ބިލު ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހުގެނައުމުގެ ބިލު ހިމެނެ އެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ގަަތަރަށް ރާއްޖޭން ކަނޑައަޅާ ސަފީރުންނަށް ރުހުން ދިނުމާ މެދު މަޖިލީހުން ގޮތެއް ނިންމުން މަޖިލީހުގައި މިހާރު ކުރަން ހުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނެ އެވެ.