ނޫސްވެރިޔާ އަހުމަދު ރިލުވާން ގެއްލުވައިލި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި މީހުން ދޫކޮށްލީ މި ސަރުކާރުން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވުމުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އެކަން މިއަދު ދޮގުކުރައްވައިފި އެވެ.
ނޫސްވެރިކަމާއި، ހިޔާލުފާޅުކުރުމުގެ ހައްގުގެ ދިފާއުގައި އެކުގައި މަސައްކަތް ކުރަން ކުރީގެ ތިން ރައީސުން ކަމަށްވާ އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދާއި އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ފަހު ރޭ ބޭއްވި މީޑިއާ ބްރީފިންއެއް ގައި އިބޫ ވިދާޅުވީ ރިލުވާންގެ މަރުގެ މައްސަލާގައި ވަރަށް ތަފްސީލީ މަސައްކަތްތަކެއް ކޮށް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ޝަރީއަތް ނިމެންދެން އެމީހުން ބަންދުކޮށްފައި ތިއްބާ ދޫކޮށްލީ މި ސަރުކާރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ދެން އޮތީ ރިލްވާން ނޫސްވެރިޔާގެ [ވާހަކަ]، ތަހުގީގުކޮށް ވަރަށް ޑީޓެއިލް މަސައްކަތްތަކެއް، ވަރަށް ބުރަ މަސައްކަތްތަކެއް ކޮށް، އެންމެ ފަހު މަރުހަލާގައި، އޭގެ އެތައް ބަޔަކު، ތިނެއް ނޫނީ ހަތަރުމީހަކު، ތުހުމަތު ކުރެވޭ މީހުން، ޖަލަށް ނޫނީ ޝަރީއަތް ނިމެންދެން ލާފައި ވާނެ. އެހެން އޮއްވާ މިސަރުކާރު ވެރިކަމަށް އައިސްފައި އެމީހުން ދޫކޮށްލީ،" އިބޫ ވިދާޅުވި އެވެ.
އެމަނިކުފާނުގެ އެ ޖަވާބަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވީ އެއީ "ކަނޑައެޅިގެން އިތުރުފުޅެއް" ކަމަށެވެ.
"އެފަރާތްތައް ބަންދުން ދޫކޮށްލާފައިވަނީ 2023 ވަނަ އަހަރު އިންތިހާބުގެ ދުވަސްވަރު. އެންމެ ފަހުން ބަންދުގަ ހުރި ފަރާތް ދޫކޮށްލާފައިވަނީ 2023 ގެ ސެޕްޓެމްބަރު 19 ވަނަ ދުވަހު. މިކަހަލަ ސާފުކޮށް ފެންނަން ހުންނަ ކަންކަމުގައި ވެސް ރައްޔިތުންނަށް އޮޅުވާލުމަށް ހަގީގަތާ ހިލާފު ވާހަކަތައް ދެއްކެވުމަކީ ދެރަ ކަމެއް." އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވި އެވެ.
ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ ހާދިސާތައް ތަހުގީގުކޮށް އާއިލާތަކަށް އިންސާފު ހޯދައިދިނުމުގައި ޒިންމާ އުފުލަން ޖެހޭ ބަޔަކީ ފުލުހުންނާއި ރައްޔިތުންގެ މަޖިލިސް ކަަމަށް ދޭހަވާ މޭރުމަކުން އިބޫގެ އިތުރުން، ޔާމީނު ވެސް ރޭ ވާހަކަދެއްކެވި އެވެ.
ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި މަސައްކަތްކުރައްވަން ކަމަށް ވިދާޅުވެ، އެ ތިން ބޭފުޅުން ރޭ ބޭއްވި ބައްދަލުވުމަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ބޭފުޅުންގެ ވެރިކަންތަކުގައި ހިނގި އެފަދަ ކަންކަމާ ގުޅޭ ސުވާލު އަމާޒުވި އެވެ.
ނޫސްވެރިޔާ ރިލްވާން ގެއްލުނު މައްސަަލަ އާއި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްްސަލަ އަށް ޔާމީނާއި، އިބޫގެ ދައުރުގައި ވެސް އިންސާފު ނުލިބުނުކަން ފާހަގަކޮށް ނޫސްވެރިޔަކު އެހީ އޭގެން ބޭފުޅަކަށް ދެން ވެރިކަން ލިބިވަޑައިގެންފި އެކަންކަން ތަކުރާރުނުވާނެ ކަމުގެ ޔަގީންކަން ދެއްވިދާނެތޯ އެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ޔާމީން ވިދާޅުވީ ބަލަން ޖެހޭނީ އެ ރައީސަކު އެފަދަ މައްސަލަތައް ބަލަން ފުލުހުންނާ ހަވާލުކުރިތޯ ކަމަށާއި، ފުލުހުން ރަނގަޅަށް މަސައްކަތް ނުކުރާ ނަމަ ޖަވާބުދާރީ ކުރުވުމަކީ ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"ރިލުވާނުގެ މައްސަލަ ވެސް، ދެން ތިބި މީހުންގެ މައްސަލަ ވެސް ހަަމަ ރައީސް ޔާމީން ސަރުކާރުގައި، ވެރިކަމުގައި ތަހުގީގު ފަށްޓާފައި ވަނީ. މ ތަހުގީގު ނުނިމި އުޅެނިކޮށް އަޅުގަނޑު ވެރިކަމުން ވަކިވީ. ދެން ކަންތައް ދިޔަ ގޮތް ވެސް ހަމަ، ދެންމެ ސޯލިހު އެ ވިދާޅުވެދެއްވީ. މިއީ ފުލުހުން ކުރަން ޖެހޭ މަސައްކަތެއް ދެއްތޯ؟ ފުލުހުންނަށް އެކަން ނުކުރެވިގެން ދިގުލައިގެން ދާ ކަމަށް ވަންޏާ ރައްޔިތުންގެ މަޖިލީހުން ދެއްތޯ އެމީހުން ހާޒިރުކުރަން ޖެހޭނީ،" ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު މިހެން ވިދާޅުވި ނަމަވެސް ފުލުހުންނަކީ ހަމަ އެކަނި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭ ގޮތަށް ހިންގާ މުއައްސަސާއެއް ނޫނެވެ. އެއީ ވަރަށް ބޮޑަށް ދައުލަތުގެ އެގްޒެކެޓިވް ބާރުގެ ދަށުގައި އޮންނަ މުއައްސަސާ އެކެވެ. އަދި ޔާމީނުގެ ވެރިކަމުގެ ބޮޑު ބައިގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ ވެސް އޭރު ވެރިކަންކުރި ޕީޕީއެމް އަށެވެ.
އެހެން ނަމަވެސް ޔާމީން ވިދާޅުވީ އެކަމުގައި ފެނިގެން ދަނީ ރައްޔިތުންގެ މަޖިލީހުގެ ފެއިލިއާ އެއް ކަމަށެވެ.