ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރާ މުހައްމަދު ނޫރައްދީން (ނޫރޭ)، އެމްޑީޕީގެ ކެމްޕެއިންގައި ބައިވެރިވާ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައިސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ކެމްޕެއިންގައި އެފަދަ ތުހުމަތެއް ކުރާ އެއްވެސް މީހަކު ބައިވެރިކޮށްފައި އަދި އެ އިން މީހެއްގެ އެހީތެރިކަމެއް ވެސް ހޯއްދަވާފައި ކަމަށެވެ.

ނަމަވެސް، އަންނަ މަހުގެ 28 ގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ހޯދުމަށް ހުޅުމާލޭގައި ހިންގާ ކެމްޕެއިން ހަރަކާތްތަކުގައި، އެ ދާއިރާގެ މަޖިލީހުގެ މެމްބަރު އަދި ރައީސްގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅު އަލީ ނިޔާޒާއެކު ނޫރައްދީނީ ބައިވެރިވެ އެވެ.

އެކަމަކު، ރައީސް މިއަދު ވިދާޅުވީ ކެމްޕެއިން ބައްދަލުވުމެއްގައި ބައިވެރިވިޔަސް އެ މަނިކުފާނަށް އެއީ ކާކުކަމެއް އެނވިވަޑައިނުގަންނާވެ ކަމަށެވެ.

"އަޅުގަނޑަކަށް ނޭނގޭނެ މިހާރު ފެނުނަސް އެއީ ކާކު ކަމެއް. އަޅުގަނޑު ބަލާނަން އެއީ ކާކުތޯ. ހަމަގައިމު ވެސް އަޅުގަނޑުގެ ކެމްޕެއިނަކު އަޅުގަނޑު ނުހުންނާނެ އެ ކަހަލަ އެއްވެސް މީހެއްގެ އެހީތެރިކަމެއް ހޯދާފައެއް، އެއްވެސް ފަރާތެއްގެ މަދަދުވެރިކަން ހޯދާފައެއް. އެކަން ޔަގީނުން ވެސް އަޅުގަނޑު ނުކުރާނެ." ރައީސް ވިދާޅުވި އެވެ.

އޮގަސްޓް، 2014 ގައި ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ވަނީ ނޫރޭގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ. އެކަމަކު ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އޭނާގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށެވެ. ނަމަވެސް، އެ މައްސަލަ އިސްތިއުނާފެއް ނުކުރެ އެވެ.

މަރާލާފައިވާ މީހުންނާއި ވަގަށް ނަގާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން ވަނީ އެ މައްސަލަ އަލުން ތަހުގީގުކޮށް، މިދިޔަ ހަފުތާގައި ދިރާސާ ރިޕޯޓު ރައީސަށް ހުށަހަޅުއްވައިފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ ރިލްވާން ވަގަށް ނެގި މައްސަލައިގައި ރިޔާސީ ކޮމިޝަނުން ކޮށްފައިވަނީ ވަރަށް ފުރިހަމަ ތަހުގީގެއް ކަމަށެވެ. އެ މައްސަލައިގެ ޑްރާފްޓް ރިޕޯޓު މީގެ ކުރިން އާއްމުވުމުން ތަހުގީގު ކުރިއަށްގެންދަން ގިނަ ދަތިތައް ކުރިމަތިވި ކަމަށާއި އެކަމާ ހެދި މައުލޫމާތު ނުލިބި އެއް އަހަރު ވެގެން ދިޔަ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ނަމަވެސް، އެ މައްސަލައިގައި އަދި ވެސް އިތުރަށް ބަލަންޖެހޭ ކަންކަމާއި ހޯދޭނެ މައުލޫމާތު ހުރުމުން ކޮމިޝަނުން އެކަން ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

"ކޮމިޝަނުން ބުރަ މަސައްކަތްކޮށް ނަތީޖާ ނެރެފައިވޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

"މިހާރު މި އޮތް ހިސާބުން އިތުރު ބައެއްގެ މައްޗަށް ދައުވާކުރުމާއި މިހާރު ކޯޓުގައި އޮތް މައްސަލަތައް ކުރިއަށް ގެންދިއުމުގައި ވަރަށް ބޮޑު ކާމިޔާބެއް އެބައޮތް ކޮމިޝަނުން ހޯދާފައި މިހާރު ވެސް. އަޅުގަނޑު ހިތުން މައްސަލަ ކުރިއަށްދާއިރު ކޯޓަށް އެކަން ހާމަވެގެންދާނެ."

ރައީސް ވިދާޅުވި ގޮތުގައި މަރު ކޮމިޝަނުން ކޮށްފައިވާ މަސައްކަތް ރިލްވާންގެ އާއިލާއިން ވެސް ބަލައިގަނެ އެވެ. އެ އާއިލާއާ ބައްދަލުކުރުމަށް ފަހު އެ ހާދިސާ ހިނގިގޮތުގެ ވަރަށް ގިނަ ކަންކަން ހިއްސާކޮށްފައިވާނެ ކަމަށާއި އަދި އާއްމުންނަށް ހިއްސާކުރެވެން ހުރި ވަރަކުން ހިއްސާކުރާނެކަން ފާހަގަކުރެއްވި އެވެ.

އެކަމަކު، އެކަމަށް ހުރަސް އެޅޭނެ ކަމެއް ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.