މީހުން ބަދަލުކުރަން ނިންމާފައިވާ ހދ. ހިރިމަރަދޫ މީހުންނަށް ހާއްސަކޮށްގެން އެ އަތޮޅު ހަނިމާދޫގައި އިމާރާތްކުރަން ނިންމި ހައުސިން ޔުނިޓުތަކުގެ އަމަލީ މަސައްކަތް އަދި ނުފެށޭ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

އުތުރުގެ ރަށްތަކަށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ހިރިމަދު އަަށް ވަޑައިގެން އެ މަނިކުފާނު ވަނީ އެ ރަށު މީހުންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި މުނިސިޕަލް ހިދުމަތްތައް ދޮޅު އަހަރު ތެރޭގައި ހަނިމާދޫގައި ގާއިމްކުރަން ހަވާލުކޮށްފަ އެވެ. 

އެޗްޑީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހައުސިން ޔުނިޓުތައް އަޅަން ބޭނުންވާ ބިން ސާފުކޮށްފައިވާ ކަމަށާއި ނަމަވެސް އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް އަދި ނޭނގޭ ކަމަށެވެ. 

ރައީސް އޭރު ވިދާޅުވީ ހިރިމަރަދޫގައި ހުރި ކޮންމެ ގޯއްޗަކަށް ހަނިމާދޫން ގެއެއް ލިބޭނެ ކަމަށާއި އަދި ދޮޅު އަހަރު ތެރޭގައި އެ ތަންތަނުގެ މަސައްކަތް ނިންމައި، ތަޅުދަނޑި ހަވާލުކުރާނެ ކަމަށެވެ. ނަމަވެސް އެ ރަށަށް ބަދަލުވާން މަޖުބޫރު ކުރުމެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މީހުން ބަދަލުކުރަން ނިންމާފައި އޮތުމުން، ހިރިމަރަދޫން ގޯތި ދޫކުރުން ވެސް މިހާރު އޮތީ ހުއްޓުވައިފަ އެވެ.

އޭގެ އިތުރުން މިދިޔަ މަހު ބޭއްވި ކައުންސިލް އިންތިހާބުގައި، ހިރިމަރަދޫ މީހުން ވޯޓު ލީ ވެސް ހަނިމާދޫ ކައުންސިލްގެ އިންތިހާބުގަ އެވެ. އެހެންވެ، ހިރިމަރަދޫގައި މި ވަގުތު ކައުންސިލަރުންނެއް ނުތިބޭނެ އެވެ.

 ހިރިމަރަދުއަކީ ހދ. އަތޮޅުގައި މީހުން އުޅޭ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށެވެ. އެންމެ ފަހުގެ ބޯހިމެނުމުން އެނގޭ ގޮތުގައި ރަށުގައި ދިރިއުޅޭ އާބާދީއަކީ 293 އެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.