މ. ވޭވަށު ސްކޫލުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ދެ ދަރިވަރަކު ގައުމީ ގަދަ 10 ގައި ހިމެނި، ފާހަގަކޮށްލެވޭ ކާމިޔާބީއެއް އެ ސްކޫލުން ހޯދައިފި އެވެ.

މިހާރު 63 ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުގެ ޕްރިންސިޕަލް އަލީ ނައީމް "މިހާރު" އަށް މިއަދު ވިދާޅުވީ، މީގެ ކުރިން އެ ސްކޫލްގައި ކިޔަވައިދެމުން އައީ ހަމައެކަނި ގްރޭޑް ހަތަކާ ހަމައަށް ކަމަށެވެ.

ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭން ކުރިން މަސައްކަތް ކުރި ނަމަވެސް، އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ދަރިވަރުންގެ އަދަދު ހަމަނުވާތީ އެކަން ކުރިން އޮތީ ނުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ގްރޭޑް ހަތެއް ނިންމުމަށް ފަހު، މަތީ ގްރޭޑްތަކަށް ދަރިވަރުން ދާނީ މުލަކު ސްކޫލަށް. ދަރިވަރުން ދަތުރު ކުރުމުގަ އާއި އިންޓަވަލް ގަޑިތަކުގައި ރަށަށް އައުން ފަދަ ކަންކަމުގެ ތެރެއިން އަހުލާގީ އެކި މައްސަލަތައް ފާހަގަވާން ފެށުމުން، ރަށުގައި ގްރޭޑް 10 އުފައްދައި ދިނުމަށް އަޅުގަނޑުމެން މިނިސްޓްރީގައި އެދުނީ،" ޕްރިންސިޕަލް ވިދާޅުވި އެވެ.

މ. ވޭވަށު ސްކޫލުން މި އަހަރި އޯލެވެލް ނިންމި ދަރިވަރުން-- ފޮޓޯ: ސްކޫލް
މ. ވޭވަށު ސްކޫލުން މި އަހަރި އޯލެވެލް ނިންމި ދަރިވަރުން-- ފޮޓޯ: ސްކޫލް

މީގެ ތިން އަހަރު ކުރިން ގްރޭޑް އަށެއް އުފައްދައި، އެ ބެޗުގެ ދަރިވަރުން ކިޔެވުން ކުރިއަށް ގެންގޮސް މި އަހަރު ވަނީ އޯލެވެލް އިމްތިހާނު ފުރިހަމަކޮށްފަ އެވެ.

އެ ބެޗުގައި ހިމެނޭ 10 ދަރިވަރުންގެ ތެރެއިން ދެ ދަރިވަރަކު ވަނީ ގައުމީ ގަދަ 10 ގައި ވެސް ހިމެނިފަ އެވެ. އެއީ ގަދަ 10 ގެ އަށެއް އަދި 10 ވަނަ ހޯދި ދަރިވަރުންނެވެ.

ވޭވަށުން މުލަކަށް ދާން ނަގަނީ ފަސް ވަރަކަށް މިނިޓެވެ. މިނިސްޓްރީން އެ ރަށު ދަރިވަރުން ދަތުރު ކުރުމަށް ލޯންޗެއް ހަމަޖައްސައިދީފައި އޮވެ އެވެ. ޕްރިންސިޕަލް ފާހަގަކުރެއްވި ގޮތުގައި، މިހާރު ސްކޫލުގެ އާބާދީއާއި ރަށުގެ އާބާދީ ވެސް އަންނަނީ އިތުރުވަމުންނެވެ.