ތައުލީމީ ހަޔާތުގައި ކިތަންމެ ކުޑަ ކާމިޔާބީއެއް ވެސް ވަރަށް ހާއްސަ އެވެ؛ މައުވާ ބިންތި މުއާވިޔަތާއި މުއާޝް ބިން މުއާވިޔަތަށް މިދިޔަ ހަފުތާގައި އޮތް ނ. ލަންދޫ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާއަކީ މިހާތަނަށް އެންމެ އުފާވެރި ކާމިޔާބީ އެވެ. ހުރިހާ ގޮތަކުން ވެސް ސްކޫލުގެ އެންމެ މޮޅު ދަރިވަރުންނަށް ހޮވުނީ އެކުގައި ކިޔެވި އެ ދެބެއިންނެވެ.
ނަމޫނާ ދަރިވަރުންގެ ގޮތުގައި ސްކޫލް ނިންމައި ހޯދި އެ ކާމިޔާބީއަށް އެ ދެ ދަރިވަރުންނާ މެދު ސްކޫލުން ފަހުރުވެރިވެ އެވެ.
ޕްރިންސިޕަލް، ޔޫސުފް އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ކިޔެވުމާއި އިތުރު ހަރަކާތްތަކާއި ރިވެތި އަހުލާގުގައި ވެސް އެ ދެ ދަރިވަރުންނަކީ ނަމޫނާ އެކެވެ.
މައުވާ އަށް ލިބުނީ ލަންދޫ ސްކޫލުގެ 2024 ގެ އެންމެ މޮޅު ދަރިވަރުގެ ޝަރަފެވެ. ޖެހިގެން އައި 2025 ވަނަ އަހަރު އެންމެ މޮޅު ދަރިވަރުގެ މަގާމް ހާސިލްކުރީ، ކޮއްކޮ މުއާޝް އެވެ. ދެ އަހަރުގެ ޖަލްސާ އެކުގައި ބާއްވައި ޝަރަފުގެ އެވޯޑު ދެބެއިން އުފުލާލީ އެކުގަ އެވެ.
މި ކާމިޔާބީއާ އެކު ލަންދޫގެ ތައުލީމީ ތާރީހުގައި އެ ދެބެއިންނަކީ ނަމޫނާއެކެވެ. އާއިލާގެ އިތުރުން ސްކޫލުން ވެސް އެ ދެ ދަރިވަރުންނާ މެދު ފަހުރުވެރިވެ އެވެ.
ސްކޫލުން ބުނި ގޮތުގައި މައުވާ އޯ ލެވެލް ނިންމީ ފަހުރުވެރި ނަތީޖާއަކުންނެވެ. އިނގިރޭސިން އޭ ސްޓާއެއް ހޯދިއިރު، އެކައުންޓާއި ބިޒްނަސް އާއި ދިވެހި އަދި އިސްލާމުން ވަނީ އޭ ހޯދައިފަ އެވެ. ފިޒިކްސް އަދި ކެމިސްޓްރީން ބީ އަދި ހިސާބުން ސީ ހޯދި އެވެ.
މައުވާ ގަބޫލުކުރާ ގޮތުގައި އެ ކާމިޔާބީގެ އަސްލަކީ، ސްކޫލުގައި ޓީޗަރުންގެ އަގުހުރި އިރުޝާދުތަކާއި ގޭގައި ލިބޭ ހުސްވަގުތުތަކުގައި ފިލާވަޅުތައް ދަސްކުރުމާއި މައިންބަފައިންގެ ބަސްއެހުމެވެ.
އެންމެ ކުޑައިރުން ފެށިގެން ވެސް ލިޔުންތެރިކަމަށާއި ފޮތްކިޔަން އޭނާ ޝައުގުވެރިިވި އެވެ.
ކިޔެވުމުގެ އިތުރުން ސްކޫލުގައި ހިންގާ އިތުރު ހަރަކާތްތަކުގައި ވެސް މައުވާ ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން ގުރުއާނާއި މަދަހަ މުބާރާތްތަކުން ފަހުރުވެރި ވަނަތައް ހާޞިލުކޮށްފައިވާއިރު، ސްކޫލުގެ ހޭންޑްބޯޅަ މުބާރާތުގައި އޭނާ ނިސްބަތްވާ ހައުސްއަށް ރަނަރަޕް މަގާމު ހޯދައިދިނުމުގައި ވެސް މައުވާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
ލަންދޫ ސްކޫލުގެ ތާރީހުގައި ވެސް އެންމެ ފާހަގަކޮށްލެވޭ އަނެއް ދަރިވަރަކީ ދައްތަ ދެއްކި މިސާލުން ހިތްވަރު ލިބިގަނެ، ކާމިޔާބީ ހާސިލްކުރި މުއާޝް އެވެ. އެއީ މިދިޔަ އަހަރު ލަންދޫ ސްކޫލުގެ އެންމެ ވިދުންގަދަ ތަރި އެވެ.
ތައުލީމީ ގޮތުންނާއި އަދަބީ އަދި ކުޅިވަރުގެ މައިދާނުގެ އިތުރުން ލީޑާޝިޕާއި ދީނީ ކަންކަމުގައި އޭނާ ދައްކުވައިދިން ނަމޫނާއަކީ، ލަންދޫ ސްކޫލުން މިހާތަނަށް ތައުލީމު ހާސިލްކުރި އެންމެ ހުނަރުވެރި ނަމޫނާ އެވެ.
މުޅި ސްކޫލުގެ އެންމެންގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ މުއާޝްގެ ތައުލީމީ ހަޔާތުގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ، މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ދެއްކި މޮޅު ނަތީޖާ އެވެ. އޭނާ ވަނީ ގަދަ 10ގައި ވެސް ހިމެނިފަ އެވެ.
ހިސާބު، އިނގިރޭސި، އެކައުންޓު، އިސްލާމް އަދި ދިވެހި މާއްދާތަކުން އޭ ސްޓާ ހޯދިއިރު މުއާޝް ބުނާ ގޮތުގައި އެ ކާމިޔާބީގެ މައިގަނޑު ސިއްރަކީ ކްލާހުގައި ޓީޗަރުން ދޭ ފިލާވަޅުތަކަށް ދިން ސަމާލުކަމެވެ.
ދައްތަ ގޮތަށް މުއާޝް އަކީ ވެސް ހަމައެކަނި ކިޔަވަން މޮޅު ކުއްޖެއް ނޫނެވެ. ކިޔެވުމުގެ އިތުރުން ކުޅިވަރުގެ މައިދާނުގައި ވެސް ސްކޫލުގެ އިންޓަާ ހައުސް ފުޓްބޯޅަ މުބާރާތުގެ ގަދަ 5 ކުޅުންތެރިންގެ ތެރޭގައި ހިމެނި، އަދަބީ އަދި މަދަހަ މުބާރާތްތަކުން ވެސް އޭނާ ވަނީ ފަހުރުވެރި ވަނަތައް ހޯދައިފަ އެވެ.
ލީޑާޝިޕްގެ ދާއިރާއިން ވެސް ދެބެން ވަނީ އެއް ފިޔަވަޅުމަތީގައި ތާރީހީ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. ގްރޭޑް 6ގެ ޖޫނިއާ ޕްރިފެކްޓުންގެ ގޮތުގައި ފަށައި، ސީނިއާ ޕްރިފެކްޓްކަމާއި ހެޑް ޕްރިފެކްޓްކަން އަދާކުރުމަށްފަހު، ދެ ދަރިވަރުން ވެސް ސްކޫލް ދައުރު ނިންމާލީ ލަންދޫ "ސްކޫލް ކެޕްޓަން" ގެ ޝަރަފުވެރި މަގާމުންނެވެ.
ދެބެއިންގެ ކިބައިން ފެނިގެންދިޔަ އެންމެ ހާއްސަ ސިފައަކީ ދީނީ ކަންކަމަށް ދިން ހާއްސަ އިސްކަމެވެ. އެގޮތުން މައުވާއަކީ ދެ ނަމާދު ދޭތެރޭގައި ގުރުއާން ކިޔެވުމަށް ފަރުވާތެރިވެ، ސްކޫލުގެ ގުރުއާން ކްލަބުގެ ނައިބު ރައީސްކަން ފަދަ މުހިންމު ޒިންމާތަކެއް އުފުލި ދަރިވަރެކެވެ. މުއާޝް ވަނީ ގްރޭޑް 9 ގައި އުޅުނުއިރު "ޒުވާން ހަތީބުން" ޕްރޮގްރާމް ފުރިހަމަކޮށްފަ އެވެ.
ލަންދޫގެ ތާރީހުގައި އެންމެ ހަގު އުމުރުގައި އިމާމުވެ ހުކުރުކުރުމުގެ ޝަރަފު ހޯދުމުގެ އިތުރުން، ރޯދަ މަހު ރަށުގެ ބޮޑު މިސްކިތުގައި އިމާމުވެ ދަމުނަމާދުކޮށް، ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ވެސް އޭނާ ވަނީ ހޯދައިފަ އެވެ.
މި ހުރިހާ ކާމިޔާބީތަކުގެ މައިގަނޑު ބިންގަލަކީ އެކުދިންގެ މަންމަ މައުސޫމާ މޫސާ އާއި މުއާވިޔަތު އަބްދުއްރަހީމް ދެއްވި ހަރުދަނާ އިސްލާމީ ތަރުބިއްޔަތެވެ.
"ހާއްސަކޮށް މަންމަގެ ބެއްލެވުމުގެ ދަށުން ނަމާދަށް ރައްކާތެރިވުމަށާއި، ފޯނާއި ޓެބްލެޓް ފަދަ ޒަމާނީ ވަސީލަތްތައް ހަރުދަނާ އުސޫލެއްގެ ތެރެއިން ބޭނުންކުރުމަށް ދިން އަހައްމިއްޔަތުކަން. ހަމައެއާއެކު، ލަންދޫ ސްކޫލުގެ ޕްރިންސިޕަލާއި މުދައްރިސުން ދަރިވަރުންނާ މެދު ބެހެއްޓެވި ގާތް ގުޅުމާއި ދެއްވި އަގުހުރި އިރުޝާދުތަކަށް އާއިލާއިން ނުހަނު ޝުކުރުވެރިވޭ،" ސްކޫލުގެ ޕްރިންސިޕަލް ޔޫސުފް އަބްދުއްރަހީމް ވިދާޅުވި އެވެ.
މައުވާގެ އަމާޒު ހުރީ ސެކަންޑަރީ ޓީޗިންގެ ދާއިރާއިން ކުރިއަށް ދިއުމަށެވެ. އެއީ ފިޒިކްސްއިން ކިޔަވައިގެން އުފަން ރަށަށް ހިދުމަތްކުރުމަށެވެ. އަދި މުއާޝް ނިންމާފައި ވަނީ އެކައުންޓިންގް ސްޕެޝަލިސްޓެއްގެ ގޮތުގައި ކުރިއަށް ދިއުމަށެވެ.