ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ މައްޗަށް ކުރާ ދައުވާއާ އެކު، ސިޔާސީ ޕޯޑިއަމްތަކުގައި ސިޔާސީ ވާހަކަ ދެއްކުމަކީ ޖިނާއީ ކުށަކަށް ވެއްޖެ ކަމަށް ގާސިމްގެ ވަކީލު ހިސާން ހުސެއިން ރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ހަރަކާތްތައް ބާއްވަމުން އަންނަ މ. ކުނޫޒުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ސިޔާސީ ވާހަކަ ޖިނާއީ ކުށަކަށް ވުމަކީ ތަހުޒީބީ މުޖުތަމައުތަކުގައި ދަންނަ ކަމެއް ނޫން ކަމަށެވެ.
ހިސާން ވިދާޅުވި ގޮތުގައި ރާއްޖޭގެ ގާނޫނީ ނިޒާމު ބައްޓަންވެފައި އޮތް ގޮތުން ސިޔާސީ ޕާޓީތައް ހެދުމާއި ސިޔާސީ ލީޑަރުން ތާއީދު ހޯދުމުގެ މަސައްކަތް ކުރުމަކީ ގާނޫނުން ހުއްދަ ކަންކަމެވެ.
ރައްޔިތުން މަޖިލހުގެ މެންބަރުންނަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުކޮށް ގާސިމްގެ މައްޗަށް ދައުވާ އުފުލިއިރު، ސަރުކާރުގެ ބައެއް ވެރިންނާއި މަޖިލީހުގެ ސަރުކާރު ބައެއް މެންބަރުން ވެސް ޖިނާއީ ކުށްތަކަށް އަރައިގަންނަ ފަދަ ގޮތަކަށް ވާހަކަ ދައްކަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެ މައްސަލަތައް ވެސް ތަހުގީގުކޮށް އެބޭފުޅުންނަށް އަދަބު ދެވެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"ލީޑަރުންނަށް ޕާޓީގެ ފިކުރު ކުރިއަރުވަން މަސައްކަތް ކުރުމަކީ ކުށެކޭތޯ ސަރުކާރުން ވިދާޅުވަނީ؟ ތްރީލައިން ވިޕެއް ނެރެ، މެމްބަރުންނަށް ވޯޓުލާން ބުނުމާއި ވޯޓު ނުލައިފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނުމަކީ ގާނޫނީ ކުށެއްތޯ އެ ވިދާޅުވަނީ؟ އެހެން ނަމަ، އެ ބޭފުޅުން އެ ތިއްބެވީ ކުށް ކުރައްވައިގެން، އެހެންވީމަ އެ ތަހުގީގު ހިންގާ އަދަބު ދެއްވަން ޖެހޭނީ އެހެން ވިދާޅުވާ ބޭފުޅުންގެ މައްޗަށް،" ސަރުކާރުގެ ބައެއް ވެރިންނާއި ޕީޕީއެމްގެ ބައެއް މެމްބަރުން ދެއްކެވި ވާހަކަތަކުން މިސާލު ނަންގަވަމުން ހިސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާސިމް ހައްޔަރުކޮށްގެން ހިންގި ތަހުގީގާއި އެ ތަހުގީގުން ހުރިހާ ހެއްކެއް ހޯދީ ގާނޫނީ އިޖުރާއަތުގެ ބޭރުން ކަމަށެވެ. އެހެންވެ، ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް އެ ދައުވާތައް ހުށަހެޅީ ގާނޫނީ އިޖުރާއަތުގެ ބޭރުން ކަމަށް ވާތީ އެ ޝަރީއަތްތައް ހިންގޭނެ ގާނޫނީ އެއްވެސް އިޖުރާއަތެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
"ގާސިމަށް ފުރައްސާރަކޮށް ތަހުގީގު ކުރުމުގެ ބަދަލުގައި ފުލުހުން މަސައްކަތް ކުރަން ޖެހޭނީ ހެކި ހޯދަން. އެކަމަކު ހެއްކެން ހޯދެން ނެތް މައްސަލައެއްގައި އެ ބޭފުޅުންނަށް ކުރެވޭނެ އިތުރު މަސައްކަތެއް ނެތް،" ހިސާން ވިދާޅުވި އެވެ.
ގާނޫނީ ގޮތުން ވަރަށް ގިނަ ހެކިތައް ދައްކަވަމުން އޭނާ ވިދާޅުވީ ދައުލަތުގެ މުއައްސަސާތައް ވަކި ބޭފުޅަކު ހިސޯރުކޮށް، ވަކި ބޭފުޅަކު ބޭނުންވާ ގޮތަކަށް ހިންގުމަކީ ރައްޔިތުން އެންމެ ކަންބޮޑުވާ ކަންތައް ކަމަށެވެ.
ހިސާން ވަނީ ޝަރުއީ ނިޒާމަށް ނިސްބަތްކޮށް، ބައެއް ގައިދީން ބޭނުންކުރާ މިސާލު ބަހެއް ވެސް ވިދާޅުވެފަ އެވެ. އެ ގޮތުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނެރޭ އަމުރުތަކަށް، ޖަލު މީހުން ކިޔަނީ "ވާނުވާ ޖެހުން" ކަމަށް ވިދާޅުވި އެވެ.
"ވާނުވާ ޖެހުމަކީ" ތިމާގެ މައްޗަށް އަމުރެއް އައުމުން، އޭގައި ވާނުވާ ގޮތް ތިމާއަށް ވެސް ނޭނގުންކަމާއި ޝަރީއަތެއް ހިނގާނެ ކަން ވެސް ނޭނގުން ކަމަށް ވިދާޅުވި އެވެ. އެހެންވެ ބައެއް މީހުން ޖަލުގައި ގިނަ ދުވަސްތަކެއް ވަންދެން "ވާނުވާ"ގައި ތިބެން ޖެހޭ ކަމަށް ހިސާން ވިދާޅުވި އެވެ.
މިހާރުގެ ސަރުކާރަށް އެބަސް ނިސްބަތްކުރައްވާ އޭނާ ވިދާޅުވީ "ސަރުކާރަށް ކުރެވޭ، ނުކުރެވޭ ކަންކަން ނޭނގޭ އިރު، ސަރުކާރު ވެސް އޮތީ ވާނުވާގައި" ކަމަށެވެ.
ހިސާން ވިދާޅުވި ގޮތުގައި ހައި ކޯޓުގެ ނިންމުމާ ގުޅިގެން އިންސާފު ލިބިދާނެ ކަމުގެ އުންމީދު މިހާރު އެބަ އޮތެވެ. އެކަމަކު މިއީ ޑްރާމާއަކަށް ވެސް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިސާނު ދެއްކެވި އެ ވާހަކަތަކާ ގުޅިގެން އޭނާ އަށް ކޯޓަށް ނުވަދެވޭ ގޮތަށް މިއަދު ވަނީ ކްރިމިނަލް ކޯޓުން ނިންމައިފަ އެވެ. އަދި އެ ވާހަކަތަކުގެ މައްސަލަ އެ ކޯޓުން ބަލަމުން ދާ ކަމަށް ހިސާން މިއަދު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވީ ގާސިމާ ދެކޮޅަށް ދައުވާކުރުމަކީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ކުރައްވާ ބޮޑު ކުށެއް ކަމަށެވެ.
"ހޯދާފައި ހުރި ހެކިތަކާއި ގާސިމްގެ ބަޔާން ނެގުމަށް ފުލުހުން ކުރި މަސައްކަތާއި ބަޔާންތަކާއި ހުރިހާ ޒާތެއްގެ ކަންކަމަކީ އެ ތަރުތީބުވެގެން ދިޔަ ކަންކަމަށް ވާތީ މިއީ ގާނޫނީ ގޮތުން ބާތިލް ކަންތައްތައް،" ހައި ކޯޓުން ގާސިމް ދޫކޮށްލި ހުކުމުގެ ސަބަބުން ދެން ވާނެ ގޮތް ކިޔައިދެއްވަމުން، ޕީޕީއެމުން ދާދި ފަހުން ވަކިކުރި، ވަހީދު ވިދާޅުވި އެވެ.