ކަމާގުޅޭ އިދާރާގެ އެއްވެސް ހުއްދައެއް ނެތި ރާއްޖެ އަށް އާއްމުކޮށް އެތެރެކޮށްގެން ވިއްކާ 21 ބޭހެއްގެ މައުލޫމާތު އެމްއެފްޑީއޭއިން މިއަދު އާއްމުކޮށްފި އެވެ.

އެ އޮތޯރިޓީން ބުނީ ރާއްޖެ އަށް އެތެރެކުރަނީ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް ރަޖިސްޓްރީކޮށް، އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމަނާފައިވާ ބޭހަކަށް ވާންޖެހޭ ކަމަށެވެ. 

ނަމަވެސް، އެ ފަދަ ތަކެތި އެތެރެކުރުމުގެ ހުއްދަ ނެތް ފަރާތްތަކުން އެކި ގޮތްގޮތުން ތަފާތު ވައްތަރުތަކުގެ ބޭސް ރާއްޖެ އަށް އިމްޕޯޓުކޮށް، އޮންލައިން ޕްލެޓްފޯމް އަދި އާދައިގެ ފިހާރަތަކުގައި ވެސް ވިއްކާ ކަމަށް ބުންޏެވެ.

އެ އިދާރާއިން ވަނީ ތަދުތަކަށް އުނގުޅާ ބޭހަކާއި ހަމުގެ ބަލިތަކާއި ރޯގާ އަދި ހަކުރު ހުންނަ މީހުން ބޭނުންކުރާ ބޭސްތަކެއްގެ މައުލޫމާތު އާއްމުކޮށްފަ އެވެ. 

އެމްއެފްޑީއޭއިން ބުނީ އެއީ އޭގައި ހިމެނޭ މާއްދާތައް ކަށަވަރު ކުރެވޭ ބާވަތްތަކެއް ނޫން ކަމަށެވެ. އަދި ރަޖިސްޓްރީ ނުކުރާ އެފަދަ ބާވަތްތަކަކީ އެއްވެސް ގޮތަކަށް އޭގެ ފެންވަރާއި ރައްކާތެރިކަން ވެސް ކަށަވަރު ކުރެވިފައިވާ ތަކެއްޗެއް ނޫން ކަމަށް ބުންޏެވެ. 

އެހެންވެ، އެފަދަ ތަކެތި ރާއްޖެއަށް އިމްޕޯޓުކޮށް، ވިއްކައި ބޭނުންކުރުމަކީ މަނާކަމެއް ކަމަށް އިއުލާނުގައިވެ އެވެ.

"މިފަދަ ގޮތް ނޭނގޭ ބޭހާއި ބޭހުގެ ބާވަތްތައް އިމްޕޯޓުކޮށް ވިއްކުމުން އެ ބޭނުންކުރާ ފަރާތްތަކަށް ހީވެސް ނުކުރާ ފަދަ ބޮޑެތި، ސިއްހީ ނުރައްކަލަކާ ކުރިމަތިލާން ޖެހުމަކީ ވަރަށް ގާތުގައި އޮތް ކަމެކެވެ،" އިއުލާނުގައި ބުންޏެވެ.

އެ އިދާރާ އިން ވަނީ އެކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ނަމަ 7200321 އަށް ގުޅަން އެދިފަ އެވެ.