ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ އަސްލާ އެއްގޮތުގެ ނަކަލެއް އަމިއްލަ ފަރާތަކުން ރާއްޖެ އެތެރެ ކޮށްފައިވާތީ އެ ބޭނުން ނުކުރަން އެމްއެފްޑީއޭ އިން މިއަދު އަންގައިފި އެވެ.
އެ އޮތޯރިޓީން ނެރުނު އެލާޓުގައި ބުނީ ސްވޯޑްސް ލެބޯޓްރީސް އަންލިމިޓެޑު ނަމަކަށް ކިޔާ ކުންފުންޏަކުން އުފެއްދި "ނިވޮލުމަބް" އިންޖެކްޝަންގެ ބެޗު ނަމްބަރު: 8081399 ރާއްޖެ އެތެރެކޮށްފައިވާކަން ކަށަވަރު ކޮށްފައިވާ ކަމަށެވެ.
އެހެންވެ، އެ އިންޖެކްޝަން އެއްވެސް ގޮތަކަށް ރާއްޖެ އަށް އެތެރެކޮށް، ވިއްކާ އަދި ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުންޏެވެ.
ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެ އިންޖެކްޝަން އެތެރެކޮށްފައިވަނީ އަމިއްލަ މީހަކު ކަމަށެވެ. އެކަމަކު ފާމަސީތަކުގައި އެ އިންޖެކްޝަނެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ "ޑާޒަލެކްސް" ނަމަކަށް ކިޔާ ބޭހެއްގެ ފޭކް ބެޗްތަކެއް ރާއްޖެއިން ފެނިގެން އެކަމަށް ސަމާލުވުމަށް ޑަބްލިއުއެޗްއޯއިން ވެސް މި ފަހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ރާއްޖެ އާއި މެކްސިކޯއިން ފެނުނު އެ ބޭސްތަކުގެ ސަބަބުން ބަލިމީހުންގެ ފުރާނައަށް ނުރައްކާވެ، ފަރުވާގެ ނިޒާމަށް ބޮޑެތި ބުރޫތަކެއް އަރާފާނެ ކަމަށް ޑަބްލިއުއެޗްއޯއިން މިއަދު ނެރުނު އެލާޓްގައި ބުނެފައިވެ އެވެ.
ޑަބްލިއުއެޗްއޯ އިން ބުނިގޮތުގައި އެންމެ ކަންބޮޑުވާ ކަމަކީ ބައެއް ހޮސްޕިޓަލްތަކަށް އެ ބޭސް ލިބިފައި ވުމެވެ. އަދި އެއީ ބޭސް ފޯރުކޮށްދިނުމުގެ ބައިނަލްއަގްވާމީ ނިޒާމާ މެދު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
"ޑާޒަލެކްސް" އަކީ ކަށީގެ މަދުގެ ކެންސަރުގެ ބާވަތެއް ކަމަށްވާ "މަލްޓިޕަލް މައިލޯމާ" އާއި ލޭގެ ބައްޔެއް ކަމަށްވާ "އެމިލޮއިޑޯސިސް" އަށް ފަރުވާ ކުރުމަށް ބޭނުންކުރާ އެންޓިބޮޑީއެކެވެ.