އެމްޑީޕީގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ގައުމީ މަޖިލީހުގައި ބަސް އިއްވޭނެ ޖާގަ ކަށަވަރުކޮށްދޭނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ޅ. ހިންނަވަރުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި މީކާއިލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވުރެ ވެސް ދާއިރާތަކުގެ ރައްޔިތުންނާއި އެމްޑީޕީގެ އާންމު މެންބަރުންނާ އެންމެ ގާތުން މަސައްކަތްކުރާ ބަޔަކީ ކައުންސިލަރުންނާއި ކޮމިޓީތަކުގެ މެންބަރުން ކަމަށެވެ.
ނަމަވެސް، އެ ބޭފުޅުންނަށް އެމްޑީޕީގެ އެންމެ އިސް ގުނަނުން ތަމްސީލުކުރަން ފުރުސަތު ނެތުމަކީ ހިތާމައެއް ކަމަށް މީކާއިލް ވިދާޅުވި އެވެ.
"އެ ބޭފުޅުންގެ ބަސް ގައުމީ މަޖިލީހާ ހަމައަށް ފޯރުކޮށްދޭނެ ގޮތެއް އޮނިގަނޑެއް އެމްޑީޕީއަކު ނެތް. އަޅުގަނޑު މި އިންތިހާބުގައި މި ވާދަކުރަނީ އެމްޑީޕީގެ ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް އެ ގައުމީ މަޖިލީހުގައި ބަސް ލިޔޭނެ ގޮތް ހަދައި އެ އޮނިގަނޑު އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅަން،" މީކާއިލް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އެމްޑީޕީގެ އިންތިހާބީ ކައުންސިލަރުންނަށް އަޅުގަނޑު އެ ޖާގަ ހޯދައިދޭނަން."
މީކާއިލް ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް އަންނަ މީހަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ މީހަކަށް ވެސް ހަދަން ޖެހޭ ކަމަށެވެ. އެއީ ޕާޓީގެ ޗެއާޕާސަން ކަމަށް އަންނަނީ ޕާޓީ ހިންގައި ހަރަކާތައް އިތުރު ކުރަން ކަމަށް ވާތީ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް، އެމްޑީޕީގެ ޗެއާޕާސަން ކަމަށް އަންނަ މީހަކީ ރިޔާސީ އިންތިހާބަށް ޝައުގުވެރިވެ އެކަމަށް ހުސްވާ މީހަކަށް ވާތަން މާޒީން ފެންނަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމުގެ ސަބަބުން، ޕާޓީގެ ހިންގުމާއި އާންމު މެންބަރުންނާ ދުރުވެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ މަގުސަދަކީ މި ޕާޓީ ހިނގައި ދިނުން. މި ޕާޓީގެ ސަފުތައް ބަދަހިކޮށްދިނުން،" މީކާއިލް ވިދާޅުވި އެވެ.
ޗެއާޕާސަން ކަމަށް މީކާއިލް އެންމެ ބޮޑަށް ގެންގުޅޭ ސިޔާސަތަކީ ޕާޓީގެ ހަރަކާތްތައް ލާމަރުކަޒީކޮށް ހިނގުމެވެ. އެގޮތުން ޕާޓީގެ މައި އޮފީހަށް ބަރޯސާނުވެ ރަށްރަށުގެ އޮފީސްތަކާއި ޖަގަހަތަކަށް ހަރަކާތްތައް ހިންގޭނެ ގޮތް ހަދައިދޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.