އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބުގައި ތާއިދު ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމަށް ކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ހާމަ ކުރައްވައިފި އެވެ. 

ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީނާއި އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޯރިގަދަވެފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާ ގުޅޭގޮތުން އިބޫއާ ސުވާލު އަމާޒުކުރި އެވެ. 

އެ އިންތިހާބުގައި އެ ޕާޓީގެ ކުރީގެ ރައީސް ނަޝީދު ވެސް ވާދަކުރައްވާއިރު، އިބޫ ވިދާޅުވިގޮތުން އެމަނިކުފާނު ތާއިދު އޮތީ ނަޝީދަކަށް ނޫނެވެ. 

އިބޫ ވިދާޅުވީ  ނަޝީދު އިންތިހާބަށް ނުކުމެވަޑައިގަތީ ތަންކޮޅެއް ފަހުން ކަމަށާއި މީކާއިލް ތިން މަސް ކުރިން ނުކުމެއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންވެ،  އޭނާއަށް ތާއިދު ކުރާކަން ވާނީ ވިދާޅުވެފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"އަޅުގަނޑުގެ ތާއިދު އޭރު އޮތް ގޮތަށް އޮތީ،" އިބޫ ވިދާޅުވި އެވެ. 

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުވެފައިވަނީ ނަޝީދުގެ ފަޅި އާއި އިބޫ ފަޅީގެ ވާދަވެރި ކަމަކަށެވެ. މީކާއިލްގެ ފަހަތުގައި އިބޫގެ ގާތް ބޭފުޅުންނާއި އެމަނިކުފާނުގެ ޓީމު މަސައްކަތް ކުރެ އެވެ. 

އަނެއްކޮޅުން ނަޝީދުގެ ކެމްޕެއިންގައި ކުރިން އިބޫ ވަރަށް ގާތުގައި ހުންނެވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކެމްޕެއިން ކުރައްވަ އެވެ. 

ހިޔާލު ތަފާތުވުންތަކާ އެކު ވެސް އިބޫ އާއި ނަޝީދު މިރޭ ވަނީ ކުރީގެ ރައީސް ޔާމީންއާ އެކު އެއް މޭޒަކަށް ވަޑައިގެންފަ އެވެ. އަދި ބޭފުޅުން ވިދާޅުވި ގޮތުގައި ހިޔާލު ތަފާތުވާ އެތައް ކަމެއް ހުރި ނަމަވެސް، ނޫސްވެރިކަމުގެ މިނިވަންކަމަށް ސަރުކާރުން އަޅަމުންދާ ހުރަސްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެއްވެސް ހިޔާލު ތަފާތުވުމެއް އެ ބޭފުޅުންގެ ނެތެވެ.