ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ސަލްމާން މިސްކިތް ހުޅުވިތާ ހަތަރު އަހަރު ފަހުން އެތަނުގެ ނަން ބޯޑު މިއަދު ހަރުކޮށްފި އެވެ.
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ހަރަދުގައި މާލޭގައި އިމާރާތް ކޮށްފައިވާ ސަލްމާން މިސްކިތުގެ ނަން ބޯޑު ހަރުކޮށް އިސްލާމިކް މިނިސްޓްރީން ސޯޝަލް މީޑިއާ މެދުވެރިކޮށް މިއަދު ވަނީ އެކަން އިއުލާންކޮށްފަ އެވެ.
އެ މިސްކިތް ހުޅުވިތާ އެތައް އަހަރެއްވީ އިރު ވެސް އެތަނުގެ ނަން ބޯޑު ނެތުމުން އާންމުންގެ ޝަކުވާ އެކަމުގައި އޮވެ އެވެ.
ސަލްމާން މިސްކިތުގެ ނަން ބޯޑުގައި އަރަބި ބަހުން ލިޔެފައި ވަނީ "ޖާމިއު ހާދިމުލް ހަރަމައިނިއް ޝަރަފައިނި، އަލް މަލިކު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސުއޫދު" އެވެ.
އެ ނަން ބޯޑު ހަރުކުުރި ތަނުގައި، އެ މިސްކިތް ހުޅުވިއިރު ހުރީ ސަތަރި ދަމައިފަ އެވެ. އެގޮތަށް އެތައް އަހަރަކު ހުރުމަށް ފަހު، މިދިޔަ އަހަރު އެ ސަތަރިގަނޑު ނަގައި މިހާތަނާ ޖެހެންދެން އޮތީ ހުސްކޮށެވެ.
ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ހަރަދުކޮށްގެން އިމާރާތްކުރި މިސްކިތުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރެވެ. ދެ އަހަރުގެ ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމިޔަސް، ތަފާތު އެކި ސަބަބުތަކާ ހުރެ އިމާރާތް ބޭނުންކުރަން ފެށިފައެއް ނުވެ އެވެ.
ސަލްމާން މިސްކިތް ނުހުޅުވި ލަސްވުމުން އާއްމުންގެ ބޮޑެތި ފާޑުކިޔުންތައް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަމާޒުވި އެވެ. މަސައްކަތް އެއްކޮށް ނުނިމެނިސް، އެ މިސްކިތް ހުޅުވީ އެ ވެރިކަމުގައި އެޕްރީލް 1، 2022 ގަ އެވެ.