ސްރީ ލަންކާއަށް ދިއުމުގެ ކުރިން އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) ހުށަހަޅަންޖެހޭ ގޮތަށް އޮތް އޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އުވާލާފައި އޮތުމަށް ފަހު މި މަހުގެ 25 އިން ފެށިގެން އަނެއްކާވެސް އީޓީއޭ ހުށަހަޅަންޖޭ ގޮތަށް ހަމަޖައްސައިފި އެވެ. 

ރާއްޖޭގައި ހުންނަ ސްރީ ލަންކާ ހައި ކޮމިޝަނުން މިއަދު ނެރުނު ނޯޓިސްއެއްގައި ބުނީ ޓޫރިޒަމްގެ ބޭނުމަށް ލަންކާއަށްދާ މީހުން މި މަހުގެ 25 އިން ފެށިގެން އީޓީއޭ ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ދިވެހިންނަށް ކުރިން ވެސް އޮންނަ ގޮތަށް އިތުރު ފީއަކާނުލައި 90 ދުވަހުގެ ޓޫރިސްޓު ވިސާ ލިބޭނެ ކަމަށް ވެސް ބުންޏެވެ. 

 ލަންކާއަށް ދަތުރަށް ފެށުމުގެ 24 ގަޑިއިރު ކުރިން ހޯދަންޖެހޭ މި ހުއްދައަށް އެދި ހުށަހަޅަންޖެހޭނީ eta.gov.lk ވެބްސައިޓުންނެވެ.  

އީޓީއޭ ހުށަހެޅުމުގައި ލަންކާއިން އެއްވެސް ގައުމެއް އިސްތިނާއެއް ކޮށްފައެއް ނުވެ އެވެ. ހައި ކޮމިޝަނުން ބުނީ ޓޫރިޒަމްގެ ބޭނުމަށް ލަންކާއަށްދާ ކޮންމެ ގައުމެއްގެ މީހަކު ވެސް އީީޓީއޭ ހުށަހަޅަންޖެހޭނެ ކަމަށެވެ. 

 އީޓީއޭ ހިލޭ ލިބޭ ގައުމުތަކުގެ އަދަދު 40 އަށް އިތުކުރަން ނިންމައި ލަންކާއިން އެކަން މިދިޔަ އަހަރުގެ ޖުލައި މަހު އިއުލާނުކުރި އެވެ. އެއީ ޓޫރިސްޓުން އިތުރުކުރުމުގެ މަގްސަދާ އެކު ކުރަން ނިންމި ކަމެއް ނަމަވެސް އެ ނިންމުން މިހާތަނަށް ވެސް އޮތީ ތަންފީޒު ނުކުރެވި އެވެ. އެހެންވެ އެ ލިސްޓުގައި ހިމެނޭ ގައުމުތަކުގެ މީހުން ލަންކާއަށް ދާއިރު ވިސާ ފީ ދައްކަން ޖެހެ އެވެ. ނަމަވެސް މި މަހުގެ 7 ވަނަ ދުވަހު މަޖިލީހުން ވަނީ ހިލޭ އީޓީއޭ ލިބޭ ގައުމުތަކުގެ އަދަދު 40 އަށް އިތުރުކޮށް ފާސްކޮށްފަ އެވެ.

 ކުރިން ހިލޭ އީޓީއޭ ލިބޭނީ ޗައިނާ، އިންޑިއާ، އިންޑޮނީޝިއާ، ޖަޕާން، މެލޭޝިއާ، ރަޝިއާ އަދި ތައިލެންޑުގެ އޯޑިނަރީ ޑިޕްލޮމެޓިކް، އޮފިޝަލް އަދި ސާވިސް ޕާސްޕޯޓް އޮންނަ މީހުންނަށް އެކަންޏެވެ. 

ހިލޭ އީޓީއޭ ލިބޭ ގައުމުތަކުގެ އަދަދު ރާއްޖެ ހިމެނޭ ގޮތުން 40 އަށް އިތުރުކޮށްފައި ވިޔަސް އެ ގައުމުތަކުގެ މީހުން ވެސް އީޓީއޭ ހުށަހަޅަންޖެހޭނެ އެވެ. 

ލަންކާ ސަރުކާރުން 2024 ވަނަ އަހަރު ވަނީ އިންޑިއާގެ ޖީބީއެސް ޓެކްނޮލޮޖީ ސާވިސަސް (ޖީބީއެސް) އާއި އައިވީއެސް ގްލޯބަލް އެފްޒެޑްކޯ (އައިވީއެސް) އާއި ވީއެފްއެސް ގްލޯބަލް ޓެކްނޮލޮޖީ (އައިވީއެސް) ޕާޓްނަރެއްގެ ގޮތުގައި ކޮންޓްރެކްޓްކޮށް ވިސާގެ ކަންކަން އައުޓްސޯސްކުރަން ނިންމައިފަ އެވެ.

ވިސާ ޕްރޮސެސިން އައުޓްސޯސްކުރުމަށް ހެދި އެއްބަސްވުމުގެ ދަށުން ގައުމުން ބޭރުގެ އެއްވެސް މީހަކު ލަންކާއަށް އެތެރެވާ ނަމަ އެ މީހެއްގެ އެޕްލިކޭޝަން ޕްރޮސެސްކުރުމަށް 25 ޑޮލަރު ދައްކަންޖެހެ އެވެ. އޮންއެރައިވަލް ވިސާ ލިބޭ ގައުމުތަކުގެ މީހުން ވެސް އޭރު އޮތީ މި ފީން އިސްތިސްނާ ނުވާ ގޮތަށެވެ. ނަމަވެސް މި އެއްބަސްވުމުގެ މައްސަލަ ކޯޓަށް ހުށަހެޅުމުން ވަނީ އެކަން ހުއްޓުވައިފަ އެވެ.