ބަނގުރާ ގެންގުޅެ، އެ ތަކެތީގެ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ ޒުވާނަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފ. ފީއަލި، ދޯދިލް، މައިޝަމް މުހައްމަދު، 20، އާއި ނ. ކެނދިކުޅުދޫ، ކުޅުދޫ ގުލްފާމްގެ، ޒަޔާން ޔޫސުފް، 23 އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހުއްޓުވާފައިވަނީ ހުޅުމާލޭ މޭރީ ބްރައުންއާ ދިމާ ޖެޓީ ސަރަހައްދުން ކަމަށެވެ.

އެ މީހުން ބަލައި ފާސްކުރީ ހުޅުމާލެ 1 ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް އެ ދެ މީހުންގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމުންނެވެ.

ފުލުހުން ބުނީ އެ މީހުން ގެންގުޅުނު ކަޅު ކޮތަޅެއްގެ ތެރެއިން ދެ ކޭސް ބަނގުރާ (48 ފުޅި) ފެނިފައިވާ ކަމަށެވެ.

އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް ހަތް ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. 

ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.