ގދ. ތިނަދޫގައި ބަނގުރާ އުފައްދައި ވިޔަފާރިކުރާ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރު ކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އެ ރަށު ރިހިކޮކާގެ، މުހައްމަދު އަފާޒު ބިން އަބްދުﷲ، 21، އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު ތިނަދޫ ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އޭނާއާ ގުޅުން ހުރި ކަމަށް ބެެލެވޭ ތިނަދޫ ފްލެޓެއް ބަލައިފާސްކުރިއިރު ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 20 ލީޓަރުގެ ތިން ހަމާއި ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ ފުޅިއެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަަލައާ ގުޅިގެން މުހައްމަދު އަފާޒު ބިން އަބްދުﷲގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.