ފިތުނަ ފަސާދަ އުފައްދައިގެން ޕީއެންސީ ބައިބައި ނުކުރެވޭނެ ކަމަށާއި އެ ޕާޓީ އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ސާބިތުވެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ. 

ޕީއެންސީގެ ސެނެޓުން ރައީސްގެ ހުށަހެޅުމެއް ބޭރުކޮށްލައި ނުފޫޒު ކުޑަކުރި ކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ހަބަރާ ގުޅިގެން އެކަމަށް ދެއްވި ރައްދުގައި އަބްދުއްރަހީމް ވިދާޅުވީ އެކަމަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ސެނެޓުން ވަކި ގޮތަކަށް ކަމެއް ނިންމަން ރިޔާސަތުން ޕާޓީގެ ރައީސް މުއިއްޒު ހުށަހަޅުއްފައި ނުވާ ކަމަށެވެ. އެ ޕާޓީއަކީ ޑިމޮކްރަސީގެ ރިވެތި އުސޫލުން ހިންގާ ޕާޓީއެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ފިތުނަ ފަސާދަ އުފައްދައިގެން އަޅުގަނޑުމެން ބައިބައެއް ނުކުރެވޭނެ. އަޅުގަނޑުމެން މިތިބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ސާބިތުވެ." 

ޕާޓީ ބައިބައި ނުކުރެވޭނެ ކަމަށް އަބްދުއްްރަހީމް ވިދާޅުވިއިރު އޭނާ އާއި ރައީސް މުއިއްޒުގެ ދެމެދުގައި ނުތަނަވަސްކަމެއް އޮތްކަމުގެ އަޑުތަކެއް ވެސް ކުރިން އެެރި އެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ޕީއެންސީގެ ޖަގަހަ ޖަލްސާތަކުން ވެސް އަބްދުއްރަހީމް ނުފެނި ދިޔަ ނަމަވެސް މިފަހުން ޕާޓީގެ ހަރަކާތްތަކުން ވަރަށް ބޮޑަށް އަބްދުއްރަހީމް ފެނެ އެވެ. 

މިހާރު ވެސް އޭނާ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާއިގެ ބައި އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ) އަށް ތާއީދު ހޯދުމަށް ކުރިއަށްދާ ދޮރުން ދޮރަށް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އައްޑޫގަ އެވެ.

ލ. ފޮނަދޫގައި ކުރިން ބޭއްވި ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (ކ) ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިހުގައި. -- ފޮޓޯ: ރައީސް އޮފީސް
ލ. ފޮނަދޫގައި ކުރިން ބޭއްވި ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (ކ) ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިހުގައި. -- ފޮޓޯ: ރައީސް އޮފީސް

ސެނެޓު ބައްދަލުވުމާ ގުޅިގެން ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ ރައީސް ބޭނުންފުޅުނުވާ އެއްވެސް ކަމެއް ޕީއެންސީ ސެނެޓުގައި އަދި ލީޑާޝިޕްގައި ވެސް ނުހިނގާ ކަމަށެވެ. އެއަށް ވުރެ އެ މަނިކުފާނު ދެކެ އެ ޕާޓީގެ މެމްބަރުން ލޯބިވާ ކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުުވީ ރައީސް މުއިއްޒު އިސްކުރައްވާނީ ޕާޓީގެ އަސާސީ ގަވާއިދާ ހެދިފައިވާ އުސޫލުތަކާއި މަޝްވަރާގެ ރިވެތި ސިފަ ކަމަށެވެ. ނިމިގެންދިޔަ ޕީއެންސީ ސެނެޓު ބައްދަލުވުމުގައި އެ މަނިކުފާނު ވަކި ކަމެއް ވަކި ގޮތަކަށް ކުރެއްވުމަށް ހުށަހަޅުއްވާފައި ނުވާ ކަމަށާއި އެ ބައްދަލުވުމުގައި ހުރިހާ ކަމެއް ވެސް ހުށަހެޅީ މެމްބަރުންނަށް ފެންނަ ގޮތަކަށް ނިންމުމަށް ކަމަށް ފަލާހު ވިދާޅުވި އެވެ.