ޕީއެންސީގެ އެތެރޭގެ އިންތިހާބުން ބަލިިވިއަސް މަންޒިލަކަށް ވާން ޖެހޭނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެ ވަނަ ދައުރަކަށް ހޮވުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕާޓީގެ މަގާމުތަކަށް މީހުން އިންތިހާބުކުރަން ބޭއްވި ކޮންގްރެސްގައި، މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އިންތިހާބުަގައި ވާދަކޮށް ނާކާމިޔާބުވުމުން ކޮންމެ ވެސް ވަރެއްގެ ނުތަނަވަސްކަމެއް ހުންނާނެ ކަމަށެވެ.
އެއީ އިންސާނީ ތޮބީއީ ކަމަކަށް ވިއަސް ނާކާމިޔާބީއަކީ ކާމިޔާބުގެ ފެށުންކަމަށް ގަބޫލުކޮށް މަސައްކަތް ކުރުމަކީ ބުއްދިވެރިންގެ ގޮތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީއެންސީ ސެނެޓުގެ 42 މަގާމަށް 120 މެމްބަރުން ކުރިމަތިލެއްވި އެވެ. އޭގެ ތެރޭގައި ނައިބު ރައީސްގެ ހަ ގޮނޑި އާއި އަންހެނުންނަށް ހާއްސަ 10 ގޮނޑި އާއި ޒުވާނުންނަށް ހާއްސަ އަށް ގޮނޑި އަދި އާއްމު މެމްބަރުންނަށް ހާއްސަކޮށްފައިވާ 18 ގޮނޑި ހިމެނެ އެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިހާބު ކާމިޔާބު ނުވި މީހުން ވެސް މިއީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް މުއިއްޒަށް ކާމިޔާބު ކޮށްދިނުމަށް އަތުކުރި އޮޅާލައިގެން އަޒުމް އާކުރަންވީ ވަގުތު ކަމަށެވެ.
އިސްކުރަންވީ އެންމެ ފުރަތަމަ ގައުމު ކަމަށާއި ދިމާވާ ހިތްނުތަނަވަސްކަމުގައި ވެސް އަމާޒު ހަނދާން ނައްތާލައިގެން ނުވާނެކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"އެ އަމާޒަށް ކުރާ ދަތުރުގައި އަޅުގަނޑުމެންގެ މިސްރާބު އަޅުގަނޑުމެންގެ އަތުން ގެއްލިގެން ގޮސްގެން ނުވާނެ. އަޅުގަނޑުމެން ވާން ވާނީ ކާމިޔާބީގެ ވަގުތާއި ނާކާމިޔާބީގެ ވަގުތުގައި ވެސް ހިތްވަރުކުރާ، ހިތްވަރު ގަދަ، އެކުވެރި، އެއްބައިވަންތަ ބަޔަކަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހަގީގަތަކީ އަޅުގަނޑުމެންނަށް، އަޅުގަނޑުމެން މި ފެށި ދަތުރު ނިންމާލެވިގެން ނޫނިއްޔާ އަޅުގަނޑުމެން އެއްވެސް މީހަކަށް ހިތްހަމަޖެހުމެއް، ކާމިޔާބެއް ނޯންނާނެ. އެ ދަތުރު ނިންމާލެވޭނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބު ކޮށްދީގެން. އެ ކާމިޔާބު ނުކުރެވިއްޖިއްޔާ ދެން އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް ދިމާވަނީ މޮޅިވެރިކަމާއި ހިތާމަ." އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕާޓީގެ ޗެއާޕާސަން ވިދާޅުވީ މިއަދު ބޭއްވީ ނުތަނަވަސްކަން އުފެދޭ އިންތިހާބަތަކަށް ނުހަދައި ފަހުރުވެރިވާ ކާމިޔާބީއަކަށް ހަދަންޖެހޭ ކަމަށެވެ.
ކުރިއަށްދާންވީ މަންޒިލް ހަނދާން ނައްތާނުލައި ރައީސް މުއިއްޒު، މި ގައުމުގެ ހަމަޖެހުމަށްޓަކައި ކުރައްވާ މަސައްކަތްޕުޅުގެ ބައިވެރިންގެ ގޮތުގައި ތިބުމަކީ، ފާގަތި ކުރިމަގެއް ލިބޭނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ނައިބު ރައީސުންގެ ގޮތުގައި އަށް ބޭފުޅުން ތިއްބަވަ އެވެ. އޭގެ ތެރެއިން ދެ ގޮނޑި ހާއްސަކޮށްފައިވަނީ، ޕީއެންސީގެ ވެރިކަމެއްގައި ނައިބު ރައީސަކަށް ހުންނަވާ ބޭފުޅަކަށް އަދި އެ ޕާޓީގެ ޕީޖީ ލީޑަރަށެވެ.
މިއަދުގެ އިންތިހާބުގައި ޕީއެންސީގެ ނައިބު ރައީސުންނަށް ވާދަކުރެއްވި އަށް ބޭފުޅުންގެ ތެރެއިން މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު އަދި އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލަށް ވަނީ ނާކާމިޔާބުވެފަ އެވެ.