ސިއްހީ މަރުކަޒު ގާއިމުކޮށްފައިވާ 15 ރަށެއްގައި ލެބޯޓަރީ އަޅައިދޭނެ ބަޔަކު ހޯދަން ހެލްތު މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ހެލްތު މިނިސްޓްރީން އެ 15 ރަށުގައި ލެބޯޓަރީ އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ.
މިއީ ލެބޯޓަރީ ނެތް 76 ރަށެއްގައި އެ ހިދުމަތް ގާއިމުކުރަން ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ބަޔެކެވެ.
އެ 76 ރަށެއްގައި މި އަހަރުގެ ނިޔަލަށް ލެބޯޓަރީ ގާއިމުކޮށް ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި އަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާނުކުރައްވައިފަ އެވެ.
މީގެ އިތުރުން އެތައް އަހަރެއް ވަންދެން ނުބަލަހައްޓައި ހުރުމުގެ ސަބަބުން، ހަލާކުވެ ހިދުމަތް ދިނުން ހުއްޓިފައިވާ މެޝިނަރީ އާއި އިކްއިޕްމަންޓްތައް ބަދަލުކުރުމުގެ މުހިންމު މަޝްރޫއެއް މިހާރުވަނީ އެސްޓީއޯއާ ހަވާލުކޮށްފަ އެވެ.
ލެބޯޓަރީ އަޅާ 15 ރަށް:
- ރ. ފައިނު
- ނ. ކުޑަފަރި
- ނ. ފޮއްދޫ
- ބ. ކުޑަރިކިލު
- ބ. ދޮންފަނު
- މ. ރަތްމަންދޫ
- ލ. މުންޑޫ
- ލ. ކުނަހަންދޫ
- ށ. ގޮއިދޫ
- ހއ. މުރައިދޫ
- ހދ. ކުމުންދޫ
- ހދ. ނައިވާދޫ
- ތ. އޮމަދޫ
- ތ. ގާދިއްފުށި
- އދ. ދިއްދޫ
މި މަސައްކަތްކުރުމަށް ޝައުގުވެރިވާނަމަ އަންނަ މަހުގެ އަށްވަނަ ދުވަހުގެ މެންދުރުފަހު 1:00ގެ ކުރިން ރަޖިސްޓްރޭޝަން ފުރިހަމަކުރުމަށްފަހު އީމެއިލް ކުރެއްވުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.
މައުލޫމާތު ސާފުކުރަން ބޭނުންނަމަ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން [email protected] އަށް މެއިލްކުރުމަށް ވަނީ އެދިފަ އެވެ.